މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސްކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން މުދައްރިސުންނަށް ތަހުނިޔާ ފޮނުއްވަމުންނެވެ. ވަޒީރު ވަނީ ދުވަހުގެ ތަޙްނިޔާ ހުރިހާ މުދައްރިސުންނަށް ފޮނުއްވާފައެވެ.
ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ފޮނުއްވެވި ވީޑިއޯ މެސެޖްގައި ވިދާޅުވީ މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ޚުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
" އެއްވެސް ޤައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ. އަޅުގަނޑު ދެކެނީ ހަމަ އެގޮތަށް." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.
މިއަހަރުގެ މުދައްރިސުން ދުވަހުގެ ޝިއާރަކަށް "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"އެވެ. މި ޝިއާރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސުކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުމަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި މުދައްރިސުންގެ ގުޅުންތައް ވަރުގަދަކޮށް ހުރިހާ މަސްލަހަތުވެރިންނާއެކު، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްދިނުމާއި ކުރިއެރުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިއްބެވިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސްކޫލްތަކުގައި 11000އަށްވުރެ ގިނަ މުދައްރިސުން ތަޢުލީމް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ސަރުކާރުން އަންނަނީ މުދައްރިސުންގެ ޤާބިލްކަން އިތުރުކުރުމަށްވެސް މަސައްކަތްކުރައްވަމުންނެވެ. މީގެ އިތުރުން މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގްރާމެއްވެސް ވަނީ ފަށްޓަވާފައެވެ.