ޚަބަރު

މުއްދަތު ހަމަވިއިރު މީޑިއާ ކޮމިޝަންގެ އިންތިޚާބަށް ކުރިމަތިލީ 6 ފަރާތަކުން


  • ބްރޯޑްކާސްޓަރުން ތަމްސީލް ކުރާ މެންބަރުންގެ މަޤާމަށް 4 ބޭފުޅުން ފޯމު ހުށަހަޅާފައިވޭ

  • އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ މެންބަރުންގެ މަޤާމަށް 2 ބޭފުޅުން ފޯމު ހުށަހަޅާފައިވޭ

  • މީޑިއާ ކޮމިޝަން އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހަޅާފައިވަނީ ޖުމްލަ 6 ފަރާތަކުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މި އިންތިޚާބުގައި ވާދަކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އެ ފުރުޞަތު ހުޅުވާލީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ. މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.

މި ކޮމިޝަނަކީ އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ. މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިއަދުގެ 14:00 ގެ ނިޔަލަށް ހަމަވިއިރު، މި އިންތިޚާބުގައި ކެންޑިޑޭޓުގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހަޅާފައިވަނީ ޖުމްލަ 6 ފަރާތަކުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަނުން ވިދާޅުވީ، ބްރޯޑްކާސްޓަރުން ތަމްސީލް ކުރާ މެންބަރުންގެ މަޤާމަށް 4 ބޭފުޅުން ފޯމު ހުށަހަޅާފައިވާއިރު މީގެ ތެރެއިން 3 ބޭފުޅުންގެ ކެންޑިޑަސީ ޤަބޫލުކޮށްފައިވާކަމަށެވެ. އަދި އެއް ބޭފުޅެއްގެ ކެންޑިޑެސީ ގަބޫލުކޮށްފައިނުވާކަމަށެވެ. ކެންޑިޑެސީ ޤަބޫލުކޮށްފައި 3 ފަރާތުގެ ތެރެއިން 1 ބޭފުޅަކު ނަން އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާފައިވާކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ މެންބަރުންގެ މަޤާމަށް 2 ބޭފުޅުން ފޯމު ހުށަހަޅާފައިވާކަމަށާއި މީގެ ތެރެއިން 1 ބޭފުޅެއްގެ ކެންޑިޑަސީ ޤަބޫލުކޮށްފައިވާއިރު، 1 ބޭފުޅެއްގެ ކެންޑިޑަސީ ޤަބޫލުކޮށްފައިނުވާކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށް ކަމަށާއި، ވޯޓުލާ މަރުކަޒު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެ ސިޓީގައިކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ.