އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް ބޯންމަތު ކުޅުނު މެޗު ފަހަތުން އަރާ 3-1 ހެ ނަތީޖާއަކުން ބޯންމަތު މޮޅުވެ ތާވަލުގެ ދެވަނަ މަގާމް ހޯދައިފި އެވެ.
ޕްރިމިއާ ލީގުގައި މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންދާ ބޯންމަތު މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ.
އެއްވަނައިގައި އޮތް ލިވަޕޫލް އަށް ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް އާސެނަލް އަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ފުލަމް އަށް ހަތް މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.
ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި 11 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ދެވަނަ ހާފުގައި މެޗުގެ އޮއެވަރުވަނީ އެއްކޮށް ބަދަލުވެފަ އެވެ.
މެޗުގެ 70 ވަނަ މިނިޓުގައި ފުލަމް އިން ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް އޭގެ އަށް މިނިޓު ފަހުން އެންޓޮއިން ސެމެންޔޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ބޯންމަތު އަށް ފުރަތަމަ ފަހަރަށް ލީޑު ލިބިފައިވަނީ މެޗުގެ 84 ވަނަ މިނިޓުގައި ސެމެންޔޯގެ އެސިސްޓަކުން ޖަސްޓިން ކްލައިވަޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ސެމެންޔޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ސެމެންޔޯ ޖެހި ދެ ލަނޑާއެކު މި ސީޒަނުގައި ސެމެންޔޯ ޖެހި ލަނޑުގެ އަދަދު ވަނީ 6 އަށް އަރާފަ އެވެ.
މި ސީޒަން ފެށުމުގެ ކުރިން ބޯންމަތުގެ މުހިންމު ކުޅުންތެރިންތަކެއް އެ ޓީމުން ވިއްކާލި ނަމަވެސް ސްޕެއިންގެ ކޯޗު އެންޑޮނީ އިރައޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބޯންމަތު އިން މި ފަހަރު ލީގުގައި ބަލިވެފައިވަނީ ފުރަތަމަ މެޗުގައި ޗެމްޕިއަން ލިވަޕޫލް އަތުންނެވެ.