މެންޗެސްޓަރ ސިޓީ އާއިއެކު ސަވީނިއޯ ހަދާފައިވާ އެއްބަވުމުގެ މުއްދަތަށް ދެ އަހަރު އިތުރު ކުރުމަށްފަހު 2031 ވަނަ އަހަރުގެ ނިޔަލަށް އެ ކްލަބުގައި މަޑު ކުރުމަށް އޭނާ ނިންމައިފި އެވެ.
ބްރެޒިލް އަށް އުފަން އުމުރުން 21 އަހަރުގެ ސަވީނިއޯ މެންޗެސްޓަރ ސިޓީ އާއި ގުޅިފައިވަނީ 2024 ވަނަ އަހަރު 30.8 މިލިއަން ޕައުންޑުގެ ފީ އަކަށެވެ.
ސަވީނިއޯ ވަނީ ޕެޕް ގަޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މެންޗެސްޓަރ ސިޓީ އަށް 54 މެޗު ކުޅެ ހަތަރު ގޯލު ޖަހާފަ އެވެ.
ސިޓީ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށްފަހު ސަވީނިއޯ ބުނެފައިވަނީ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުން އެކަމާ ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ.
"ސިޓީ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުން ވަރަށް އުފާކުރަން. އަދި މިއީ ސިޓީގެ އިތުރު ޕެޕް ގަޑިއޯލާ އަހަރެންނަށް އިތުބާރު ކުރާ ކަމުގެ ފުރިހަމަ ހެއްކެއް." ސަވީނިއޯ ބުންޏެވެ.
ނިމިގެންދިޔަ ޓްރާންސްފަރ ބާޒާރުގައި ސަވީނިއޯ ހޯދުމަށް ޓޮޓްނަމް ހޮޓްސްޕަރ އިން މަސައްކަތް ކުރި ނަމަވެސް މެންޗެސްޓަރ ސިޓީ އިން ވަނީ އޭނާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފަ އެވެ.
ސަވީނިއޯ އިތުރަށް ބުނެފައިވަނީ އޭނާ ރަގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމަށް ވަރަށް ބޮޑަށް އިސްކަންދީގެން މަސައްކަތް ކުރާނެ ކަމަށެވެ.