މިއަހަރު ތެރޭގައި ހަތަރު އަތޮޅެއްގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އިސްރަށްވެހިންގެ ނާދީއަކީ އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢުގެ ތެރޭގައި އިތުރުކޮށް، އެމީހުންނަށްވެސް އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުޞަތު ދިނުމަށް ސަރުކާރުން ޤާއިމުކުރާ ތަންތަނެވެ.
އިސްރަށްވެހިންނަށް ޚާއްސަކޮށްގެން އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާން ވިދާޅުވީ، އިސްރައްވެހިންގެ ނާދީތައް ޤާއިމް ކުރުމަށް 60 ކައުންސިލަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަދި އަތޮޅުތަކުގައި މިނާދީތައް ޤާއިމުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްތަކާއެކު މިހާރުވެސް މަޝްވަރާ ކުރެވެމުން އަންނަކަމަށެވެ.
އެގޮތުން، މިއަހަރުތެރޭ ރާއްޖޭގެ 4 އަތޮޅެއްގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކުރެވިގެންދާނެކަމަށް ޒުހުރުބާން ވިދާޅުވިއެވެ. އެ އަތޮޅުތަކަކީ، ރ، ދ، ލ އަދި ށ އަތޮޅުކަމަށް އޭނާ ވިދާޅުވިއެވެ.
ޒުހުރުބާން ވިދާޅުވީ، އަތޮޅުތަކުގައި ޤާއިމްކުރާ އިސްރަށްވެހިންގެ ނާދީތައް ހިންގާނީ އެ ރަށްރަށުގެ ކައުންސިލްތަކުންކަމަށެވެ. އެހެންނަމަވެސް ހަރަކާތްތައް ހިންގުމުގައި ބޭނުވާ އެހީތެރިކަން ވުޒާރާއިން ފޯރުކޮށްދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަތޮޅުތަކުގައި ގާއިމްކުރާ ނާދީތަކުގެ ފުލް އޯނަރޝިޕް ދެނީ ކައުންސިލްތަކަށް، އެގޮތުން ކައުންސިލްތަކާ ޑަބްލިއުޑީސީތަކުން އެބޭފުޅުންގެ ތަނެއްގެ ގޮތުގައި އިސްރަށްވެހިންގެ މަރުކަޒު އަޅުގަނޑުމެން ހިންގުމަށް ޕްލޭންކުރެވިފައި މިވަނީ. އަޅުގަނޑުމެން މި ކޮށްދޭ ކަމަކީ އެތަން ހިންގާނެ ގޮތުގެ ތަމްރީން، ޕްރޮގްރާމްތައް ހިންގާނެގޮތާއި، ކައުންސިލާއެކުގައި ބައިވެރިއެއްގެ ގޮތުގައި އަޅުގަނޑުމެންގެ ވުޒާރާއިން ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުން." ޒުހުރުބާން ވިދާޅުވިއެވެ.
މީގެއިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމްކޮށްފައިވާ ޕާކުތަކާއި، މައިދާންތަކުގައިވެސް އިސްރަށްވެހިންނަށް ޚާއްސަ މައިދާންތައް ހުންނަކަން ފާހަގަކުރައްވާ ޒުހުރުބާން ވިދާޅުވީ، އެފަދަ ތަންތަނަކީވެސް އިސްރަށްވެހިންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށް، ހަދާފައި ހުންނަ ތަންތަން ކަމަށެވެ. މިކަމުންވެސް ރަށްރަށުގައި އިސްރަށްވެހިންނަށްޓަކައި މަސައްކަތްތަކެއް ކުރަން ބޭނުންވެފައިތިބިކަން ފާހަގަކުރެވޭކަމަށް ޒުހުރުބާން ވިދާޅުވިއެވެ.
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޒުހުރުބާން ވިދާޅުވީ އެވުޒާރާގެ އަމާޒަކީ މިހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުންކަމަށެވެ.
އިސްރަށްވެހިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންގެ މަރުކަޒު ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ.