ޚަބަރު

މުޒާހަރާ ކުރުމުގެ ނަމުގައި އެމްޑީޕީން ހިންގީ ޤާނޫނާ ޚިލާފު ޢަމަލުތަކެއް: ޕީއެންސީ


  • އެމްޑީޕީން ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް ހަމާލާ ދީފައި

  • މުޒާހަރާ ކުރަން ރަށްރަށުން ގެނައި މީހުން ކާން ނުދީ މަގުމަތިކޮށްލި

  • ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރި ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭ

އިދިކޮޅު އެމްޑީޕީން މުޒާހަރާކުރުމުގެ ނަމުގައި ހިންގާފައިވަނީ ޤާނޫނާއި ޚިލާފު، ހަމަނުޖެހުން އުފެއްދުމުގެ ޢަމަލުތަކެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ، ފުލުހުން ދިން ހުއްދައާއި ޚިލާފަށް އެމްޑީޕީން މާލޭގައި ބޭއްވި މުޒަހާރާ ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައެވެ.

ޕީއެންސީން ބުނީ މާލޭގައި އިދިކޮޅުން މުޒަހާރާ ބާއްވާފައިވަނީ ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، މުޒާހަރާ ދާނެ މަގުތަކާއި ކުރިއަށްދާނެ ގޮތާއި މެދު އެއްބަސްވެގެން ކަމަށެވެ. ނަމަވެސް އެ ޕާޓީން މި އެއްބަސްވުމާއި ޚިލާފުވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލި ކަމަށެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ގަލާއި ފުޅި އުކައި ފުލުހުން ގެންގުޅުނު ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތް ކުރިކަމަށް ޕީއެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ރަށްރަށުން މުޒާހަރާއަށް ގެނެސްފައިވާ ފަރާތްތަކަށް، އަސާސީ ގޮތުން ހަމަޖައްސަން ޖެހޭ ކާނާ އާއި ހުރުން ހަމަޖައްސައި ނުދޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ބުނެ ޕީއެންސީން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ސަބަބުން މުޒާހަރާއަށް ގެނައި މީހުން މާލޭގެ މަގުތަކުގައި ހާލުގައި ޖެހުނު ކަމަށާއި މިއީ އެމްޑީޕީން ތަމްސީލުކުރާ ރައްޔިތުންނާ މެދު ޢަމަލުކުރި ޒިންމާދާރުކަން ކުޑަ ގޮތެއް ކަމަށް ޕީއެންސީން ބަޔާނުގައިވެއެވެ.

ވެރިކަން ކުރާ ޕީއެންސީން ބުނީ ސަރުކާރުން އަބަދުވެސް އެއްވެ އުޅުމުގެ ޤާނޫނާއި އެއްގޮތަށް ޚިޔާލުފާޅުކުރުމަށް ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. ނަމަވެސް މިފުރުސަތަކީ ތަންތަނަށް ގެއްލުންދީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް ހަމަލާދޭން ލިބޭ ފުރުސަތެއް ނޫން ކަމަށް ޕީއެންސީން ބަޔާނުގައި ބުނެފައިވެއެވެ. އަދި އެޕާޓީން ވަނީ އެމްޑީޕީން ބޭއްވި މުޒާހަރާއަކީ ޤައުމުގެ ހަމަޖެހުން ނަގާލުމުގެ މަޤްޞަދުގައި ބޭއްވި މުޒާހަރާއެއް ކަމަށް ބުނެފައެވެ.

ޕީއެންސީން ބުނި ގޮތުގައި ރައްޔިތުން ވޯޓުލައި މިނިވަން އިންތިޚާބެއްގައި ހޮވާފައިވާ ފަރާތްތަކަށް އެ ފުރުސަތު ދޭން ޖެހެއެވެ. މިއާއެކު ހަޤީޤީ ސިޔާސީ މަސައްކަތްތަކަކީ މަގުމަތިން ހަމަޖެހުން ނަގާލުން ނޫން ކަމަށާއި އޭގެ ބަދަލުގައި ބަހުސްކޮށް ކަމާއި ގުޅޭ އިދާރާތަކަށް ހުށަހެޅުމުގެ އިތުރުން ވޯޓުން ސިޔާސީ ބަދަލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެނޫން ގޮތަކަށް ޢަމަލުކުރަން އުޅުމަކީ ޑިމޮކްރަސީއަށް ދެވޭ ހަމަލާއެއް ކަމަށް ޕީއެންސީން ބުންޏެވެ.

މިކަމުގައި ފުލުހުން ދައްކުވައިދިން ޕްރޮފެޝަނަލިޒަމް ފާހަގަކޮށް އާންމުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ފުލުހުން ކޮށްފައިވާ މަސައްކަތަށް ފީއެންސީން ވަނީ ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ތަންފީޒީ އިދާރާތަކަށް ދެވޭ ހަމަލާއަކީ ރައްޔިތުންނަށް ދެވޭ ހަމަލާއެއްކަން ފާހަގަކޮށް އެފަދަ ޢަމަލުތައް އެއްވެސް ސިފައެއްގައި ބަލައި ނުގަނެވޭނެ ކަމަށް ޕީއެންސީންގެ ބަޔާނުގައިވެއެވެ.

ޕީއެންސީގެ ބަޔާން ނިންމާލާފައިވަނީ ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން ކަން ފާހަގަކުރަމުންނެވެ. އެހެން ކަމުން ހަމަޖެހުން ނަގާލުމަށް ހިންގާފައިވާ ޢަމަލުތައް ކުށްވެރިކޮށް އެކަން ކުރި ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.