ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ގަދަ 16 ބުރަށް ކުލަބު އެޗްޑީސީ އާއި މޯލްޑިވިއަން ދަތުރުކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސީގައި ރޭ އެޗްޑީސީ އާއި ކުލަބު އެމްޓީސީސީ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މި ގްރޫޕްގައި މީގެ ކުރިން އޮތް އުރީދޫ ޓީމުން ނަން ނެގުމުން، ދެން އޮތީ އެޗްޑީސީ އާއި އެމްޓީސީސީގެ އިތުރުން ސްޓެލްކޯ ރެކްރިއޭޝަން ކުލަބެވެ. އެއާއެކު އުރީދޫއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗުތަކުން އެ ތިން ޓީމަށްވެސް ތިން ޕޮއިންޓް ލިބޭނެއެވެ. އަދި ރޭގެ ނަތީޖާއާއެކު އެޗްޑީސީއަށް ގަދަ 16 ބުރުގެ ޖާގައެއް ކަށަވަރުވިއިރު، އެ ޓީމަށް ގްރޫޕް ނިމޭއިރު ހަތް ޕޮއިންޓް ލިބޭނެއެވެ. އެގޮތުން ރޭގެ މެޗު އެއްވަރުވިއިރު، ފުރަތަމަ މެޗުން އެޗްޑީސީ ވަނީ 2-1 ގެ ނަތީޖާއަކުން ސްޓެލްކޯ ބަލިކޮށްފައެވެ.
މީގެ އިތުރުން މި މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް މޯލްޑިވިއަންއިން ހޯދީ ރޭ ކުޅުނު ގްރޫޕް ޑީގެ މެޗުން 2-1 ގެ ނަތީޖާއަކުން ޕްރިޒަން ކުލަބު ބަލިކޮށްގެންނެވެ. މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ޓީމު އެފްއެސްއެމް އާއި ޓީމު ފެނަކަ ބައްދަލުކުރިއިރު، އެ މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ގްރޫޕް ޑީގެ އެއްވަނައިގައި އޮތް މޯލްޑިވިއަންއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ފެނަކައަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް އެފްއެސްއެމްއަށް އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ޕްރިޒަން ކުލަބަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ރޭގެ ނަތީޖާތަކާއެކު ގަދަ 16 ބުރަށް އެޗްޑީސީ އާއި މޯލްޑިވިއަން ދަތުރުކުރިއިރު، މިހާތަނަށް ހަތަރު ޓީމެއް ވަނީ ގަދަ 16 ބުރުގެ ޖާގަތައް ކަށަވަރުކޮށްފައެވެ. އެއީ އެޗްޑީސީ އާއި މޯލްޑިވިއަންގެ އިތުރުން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އަދި ޓީމު އެމްއޭސީއެލްއެވެ.