ބާސެލޯނާ އާއި ސްޕެއިނުގެ ފޯވާޑް ލަމީން ޔަމާލްއަށް އަނެއްކާވެސް އަނިޔާވެއްޖެއެވެ.
އުކުޅުވަޅުގެ މި އަނިޔާގެ ސަބަބުން ޔަމާލް މަދުވެގެން ތިން ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. މިހެންވެ މި މަހު ސްޕޭނުގެ ގައުމީ ޓީމު ކުޅޭ މެޗުތަކުގައި އޭނާ ނުކުޅޭނެ އެވެ. ނަމަވެސް މިއަށްވުރެ ބޮޑަށް އޭނާ ނެތުމުން ގެއްލުން ބޮޑީ ބާސެލޯނާ އަށެވެ.
ބާސެލޯނާ އިން ސްޕެނިޝް ލީގުގައި ވާދަވެރި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅޭ މުހިންމު މެޗުތަކުގައި ވެސް ޔަމާލް ނުފެންނާނެ އެވެ.
މީގެ އިރުތުން ކުލަބުން އެންމެ ކަންބޮޑުވެފައިވާ މައްސަލައަކީ ބާސެލޯނާގެ އެންމެ ބޮޑު ވާދަވެރިޔާ ރެއާލް މެޑްރިޑާ ދެކޮޅަށް ސްޕެނިޝް ލީގުގައި ކުޅޭ މެޗުގައި ޔަމާލަށް ނުކުޅެވިދާނެތީ އެވެ. މިހާރު ލަފާކޮށްފައިވާ ގޮތުން އޭނާގެ އަނިޔާ މުޅިން ރަނގަޅުވެ އަލުން ކުޅެން ނުކުންނާނީ ރެއާލް މެޑްރިޑް މެޗަށް 24 ގަޑިއިރަށް ވެފައި އޮއްވެ އެވެ. މިހެންވެ މެޗު ފިޓްނަސް ނެތި އޭނާ ލައްވައި ކުޅުވާނެތޯ ބާސެލޯނާއިން ޖެހޭނީ ގޮތެއް ނިންމާށެވެ.
މިއީ މި ސީޒަނުގައި ގާތްގާތުގައި ޔަމާލަށް އަނިޔާވި ދެ ފަހަރެވެ. އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ އަށް އެންމެ ފުރަތަމަ އަނިޔާވީ ސްޕޭނުގެ ގައުމީ ޓީމާއެކު ހުއްޓަ އެވެ. މިހެންވެ ގައުމީ ކޯޗު ލުއިސް ޑެލަފުއެންޓޭ އާއި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކޮށްފަ އެވެ.
ޔަމާލަނީ މި ވަގުތު ގިނަ ބައެއްގެ ނަޒަރުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ބަލޮންޑޯ އެވޯޑަށް މިދިޔަ ސީޒަނުގައި ވާދަކޮށް ދެ ވަނަ އަށް ދިޔަ ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.