ޚަބަރު

އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިފި


  • އިދިކޮޅު އެމްޑީޕީގެ ބޮޑު އެއްވުން ފެށީ މިރޭ 20:30ގައި

  • ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ހަމަނުޖެހުން އުފެއްދުމަށް ދަނީ މަސައްކަތްކުރަމުން

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއިން މިރޭ ކުރިއަށްގެންދާ މުޒާހަރާގެ ބައިވެރިން، ފުލުހުންގެ ވާޖިބަށް ހުރަސް އަޅަން ފަށައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ އެއްވުން ފަށާފައިވަނީ މިރޭ 20:30ގައި ހެންވޭރު އާޓިފިޝަލް ބީޗު ސަރަޙައްދުންނެވެ.

އެމްޑީޕީން ފުލުހުންނާއެކު އެއްބަސްވެފައިވަނީ އަމީނީމަގާއި ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި މި ހަރަކާތްކުރިއަށްގެންދިއުމަށެވެ. އެހެންނަމަވެސް މި އެއްވުން ކުރިއަށްގެންދިއުމަށް ފުލުހުންނާއެކު އެއްބަސްވެފައިވާގޮތާ ޚިލާފުވެ، އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބޭއްވި ކުރު ޖަލްސާއަކަށްފަހު، އެއްވުމުގެ ބައިވެރިންވަނީ މަޖީދީމަގާ ދިމާލަށް ނިކުމެ، ފުލުހުންނާ ކުރިމަތިލާން ފަށާފައެވެ.

އެގޮތުން ފުލުހުން މަގު ބަންދުކުރަން ބަހައްޓާފައި ހުރި ބައެއް ބެރިގޭޑްތައް ފޫއަޅުވާލައި، އެތަކެތި ނަގައި މުޒާހަރާގެ ބައިވެރިން ވަނީ ގެންގޮސްފައެވެ. އަދި އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ޒިންމާތަކަށް ހުރަސް އެޅުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ފުލުހުންގެ އޮފިސަރަކު ޑިއުޓީގައި ހުއްޓާ، އޭނާގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ކަމަށް ނުބެލެވޭ ކަމަށާއި އެއީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސް އެޅުންކަމަށް ވިދާޅުވެފައެވެ.


މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަމުންދަނީ އެމްޑީޕީއާއެކު އެއްބަސްވިގޮތާއި ޚިލާފުވެ، އެއްބަސްވި މަގުތައް ނޫންމަގުތަކަށް ނިކުތުމަށެވެ.

ފުލުހުން އަންނަނީ އެ ސަރަޙައްދުގައި މުޒާހަރާ ކޮންޓްރޯލްކުރުމަށް ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުންގެ އެންގުންތަކާއި އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް މުޒާހަރާގެ ބައިވެރިންނަށް ތަކުރާރުކޮށް ނަސޭޙަތްތެރިވަމުންނެވެ.