ޚަބަރު

ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި ހައި ސްކޫލެއް ހުޅުވަން ނިންމާ ފޯމު ހުށަހަޅަން ހުޅުވާލައިފި


  • ފޯމު ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 10 އާ ހަމައަށް ވަނީ ހުޅުވާލާފައި

  • 10 ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވޭ

ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި ހައި ސްކޫލެއް ހުޅުވަން ނިންމާ އެ ސުކޫލުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ތަޢުލީމީ ވުޒާރާއިން ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ހައި ސްކޫލް މެދުވެރިކޮށް 10 ދާއިރާއަކުން ވޮކޭޝަނަލް ތަމްރީން ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މި ދާއިރާތަކުން ތަމްރީނު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ވޮކޭޝަނަލް ތަމްރީން ފޯރުކޮށްދޭނެ ދާއިރާތައް:

• އާކިޓެކްޗަރަލް ޓެކޮނޮލޮޖީއާއި ޑިޒައިން
• ކޭކު ޑެކަރޭޝަން
• އޮޓޮމޭޓިވް އިންޖިނީއަރިން
• ސިވިލް އިންޖިނިއަރިން
• ކާޕެންޓްރީ
• އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނީއަރިން
• އިންފޮމޭޝަން ޓެކްނޮލޮޖީ
• ފޮޓޯ ނެގުން
• ރިފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން
• ކުދި ވިޔަފާރި މެނޭޖުކުރުން

ވޮކޭޝަނަލް ތަމްރީނު ދިނުމަށް ޚާއްސަ ހައިސްކޫލަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި މިދިޔަ އަހަރު ނުވަތަ މިއަހަރުގެ ދިރާސީ އަހަރު ގްރޭޑު 10 ފުރިހަމަކޮށްފައިވުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު 31އަށް 18 އަހަރު ފުރިފައިނުވުން ހިމެނެއެވެ.

ދަރިވަރުންނަށް ޖާގަ ހަމަޖެހިފައިވާކަން އަންނަ އަންގާރަ ދުވަހުން ފެށިގެން އަންގަމުންދާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެޕްލިކޭޝަން ހުށަހަޅާފައިވާ މެއިލަށް، އެ ހައިސްކޫލުގައި ދަރިވަރުން ރަޖިސްޓްރީވުމާ ގުޅޭ އިރުޝާދުތައް ދޭނެ ކަމަށް އެ ވުޒާރައިން ވިދާޅުވެއެވެ.

މިކަމާ ގުޅިގެން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ ވޮކޭޝަނަލް ހައި ސްކޫލުގައި ކިޔެވުމަށް އިލްތިމާސްކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ވޮކޭޝަނަލް ޕާތުވޭ ނިންމައި، ދަރިވަރުން ބޭނުންނަމަ ޑިޕްލޮމާ ނުވަތަ ޑިގްރީ ކޯހެއް ހެދުމަށް ޔުނިވަރސިޓީއަކަށް ދިޔުމަށް ނުވަތަ ވަޒީފާއަކަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އަމާޒަކީ ދަރިވަރުން ބާކީކުރުމުގެ ސަގާފަތް ނައްތާލުމާ އެއްކޮށް އުފެއްދުންތެރި އިސްލާމްދީނާއި ޤައުމުދެކެ ލޯބިވާ ޒުވާނުން އުފެއްދުން ކަމަށެވެ.

"އެކަޑަމިކް ޕާތުވޭއަށްވުރެ ވަކި ފުރުސަތު ކުޑަނުވާނެ. ހިތްވަރާއެކު މަސައްކަތްކޮށް ދިރިއުޅުމަށް ތައްޔާރުވާން މި ފުރުސަތުގެ ބޭނުންހިފާ. ގްރޭޑު ދިހައެއް ނިންމާ ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި އިތުރުކޮށް، ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ފަށާފައިވާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިފައިވޭ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވަނީ 2023ގައި މަތީ ސާނަވީގައި އަލަށް ކިޔަވަން ފެށީ ގްރޭޑު ދިހައެއްގައި ތިބި 6700 ދަރިވަރުންގެ ތެރެއިން 2،100 އެއްހާ ދަރިވަރުން ކަމަށް ވިދާޅުވެފައެވެ. އެއީ އެ އަހަރު ގުރޭޑު 10 ގައި ތިބި ދަރިވަރުންގެ %31 އެވެ. މިދިޔަ ދެ އަހަރުގެ ކުރެވުނު މަސައްކަތުން މިއަހަރު މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުން ވަރަށް ބޮޑަށް އިތުރުކުރެވިއްޖެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން ގްރޭޑު ދިހައެއްގައި ކިޔެވި 6،500 ދަރިވަރުންގެ ތެރެއިން 3،200 ދަރިވަރުން މަތީ ސާނަވީގައި މިހާރު ކިޔަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ގްރޭޑު 10 ތިބި ދަރިވަރުންގެ %49 އެވެ. އަދި އެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ގްރޭޑް 10ގައި ތިބި ދަރިވަރުންގެ ނިސްބަތުން %18 ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.