ޚަބަރު

އިދިކޮޅުގެ މުޒާހަރާއަކީ ޤައުމު އިނދަޖައްސާލުމަށް ހިންގާ ނުބައި ރޭވުމެއް: ޤާސިމް


  • ޤާސިމް ވަނީ މުޒާހަރާގަ ބައިވެރި ނުވުމަށް ގޮވާލައްވާފައި

  • ޤާސިމް ވިދާޅުވި މިއީ ޤައުމަށް ގެއްލުންދޭން ކުރާ ކަމެއްކަމަށް

މިއަދު ބަޔަކު ރާވައިގެން ހިންގުމަށް މަސައްކަތްކުރާ މުޒާހަރާއަކީ ޤައުމު، އިތުރު ވަޅުގަނޑަކަށް ވައްޓާލުމަށް ކުރާ މުޒާހަރާއެއްކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޤާސިމް ވަނީ މުޒާހަރާގައި ބައިވެރި ނުވުމަށް ގޮވާލައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް އިބްރާހީމް ވިދާޅުވީ މިއީ ވެރިކަމުގެ ބޭނުމުގައި ބަޔަކު ކުރާ މުޒާހަރާއެއްކަމަށާއި އެއީ ޤައުމުގެ ލާބައަށް ކުރާ ކަމެއް ނޫންކަމަށެވެ. އަދި މިއީ ޤައުމު މިހާރު ރަނގަޅު މިސްރާބަކަށް ދާތީ، އެކަން އެގޮތަށް ވިއަނުދިނުމަށް ބާއްވާ އެއްވުމެއްގެގޮތުގައި ޤާސިމް ވަނީ ސިފަކުރައްވާފައެވެ.

ޤާސިމް ވިދާޅުވީ ސަރުކާރަށް މިހާރު ކުރަންޖެހިފަވާ މަސައްކަތްތަކަކީ، މީގެ ތިންހަތަރު ސަރުކާރުން ނަގާފަވާ ބޮޑެތި ދަރަނިތަކުން ރާއްޖެ ސަލާމަތްކުރުމުގެ މަސައްކަތްތަކެއްކަމަށާއި، އެއީ ޤައުމު އޮތް އިޤްތިޞާދީ އަނދަވަޅުން ސަލާމަތްކުރުމުގެ މަސައްކަތްކަމަށެވެ. ނަމަވެސް މި ޙާލަތުގައިވެސް، ރައްޔިތުންނަށް އޭގެ ލޮޅުމެއް ނާންނާނެގޮތަށް އަދި ޤައުމު ބަނގުރޫޓުވިޔަ ނުދީ އެކަން ކުރަމުންދާކަން ޤާސިމް ފާހަގަކުރެއްވިއެވެ.

ޤާސިމް ވިދާޅުވީ ވޭތުވެދިޔަ 4 ސަރުކާރުގައިވެސް، ސަރުކާރުގެ ކުންފުނިތަކުގެތެރެއިން ބޮޑެތި ޚިޔާނާތްތައްވެފަވާކަން ފެންނަން އެބައޮތްކަމަށާއި، އެ ސަރުކާރުތަކުން އެކަމަށް އެޅި ފިޔަވަޅެއްވެސް ނެތްކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ތަފާތަކީ، އެފަދަ މީހުން ވަކިކުރުމާއި އެ މައްސަލަތަކަށް ފާރަވެރިވެ ބަލައި ތަޙުޤީގުކުރުންކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ފާޅުކަންބޮޑުގޮތެއްގައި މިފަދަ ކަންކަމަށް ދެކޮޅަށް ހުދު ރައީސުލްޖުމްހޫރިއްޔާ ނިކުމެވަޑައިގަންނަވާކަން ޤާސިމްގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން ބަޔަކު ނިކުމެ ހިންގުމަށް މަސައްކަތްކުރާ މުޒާހަރާގެ ނަތީޖާއަކަށްވާނީ، ޤައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލައި، ރައްޔިތުން ދަރަނިވެރިކޮށް، އިނދަޖައްސާލުންކަމަށް ޤާސިމް ސިފަކުރެއްވިއެވެ.

ޤާސިމް ވަނީ ޤައުމުގެ އަމަންއަމާންކަން ގެއްލޭ އެއްވެސް ކަމެއް ނުކުރުމަށާއި މުޒާހަރާގައި ބައިވެރިނުވުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. މިއީ ޤައުމު އިނދަޖައްސާލަން ކުރާ މަސައްކަތެއްކަމަށާއި އެއީ އެއްވެސް މީހަކަށް އަދި ބަޔަކަށްވެސް ލިބޭ ބާރެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މިއީ ދީނީ، ޤާނޫނީ ހަމަތަކުގައިވެސް އޮތް ކަމެއް ނޫންކަމަށް ޤާސިމް އިބްރާޙިމް ވަނީ ވިދާޅުވެފައެވެ.