ޚަބަރު

ޕެލަސް މޮޅުވެ ރެކޯޑް ދަމަހައްޓައިފި


ޔޫއެފާ ކޮންފަރެންސް ލީގުގައި ރޭ ޑައިނަމޯ ކިއޭވް އާއި ދެކޮޅަށް ކްރިސްޓަލް ޕެލަސް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެޗަކުން ނުވެ އެ ޓީމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

މި މެޗުން މޮޅުވުމާއިއެކު މި ސީޒަނުގައި ކްރިސްޓަލް ޕެލަސް އިން ވަނީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އަދި މިދިޔަ ސީޒަނުގައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު އެ ޓީމުން ވަނީ ބަލިނުވެ 19 މެޗު ހަމަކޮށްފަ އެވެ. މިއީ އެ ކްލަބުގެ 120 އަހަރުވީ ދިގު ތާރީޚުގައި މީގެ ކުރިން އެ ޓީމަށް ހޯދިފައިވާ ކާމިޔާބީއެއް ނޫނެވެ.

މީގެ އިތުރުން ޑައިނަމޯ ކިއޭވް އަތުން މޮޅުވި މެޗަކީ ޔޫރަޕްގެ މުބާރާތެއްގައި ރަށުން ބޭރުގައި އެ ޓީމަށް ކާމިޔާބުކުރެވުނު ފުރަތަމަ މެޗުވެސްމެ އެވެ.

ޕޮލެންޑްގައި ކުޅުނު މި މެޗުގައި ކްރިސްޓަލް ޕެލަސް އިން ރަގަޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ 31 ވަނަ މިނިޓުގައި ޑެނިއެލް މުނޯޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި ދެވަނަ ހާފުގައި ޕެލަސްގެ އެޓޭކް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކޯޗު ގްލޭސްނަރ ވަނީ ޖޯން ފިލިޕް މަޓޭޓާގެ ބަދަލުގައި އެޑީ އެންކޭޓިއާ ކުޅެން އަރުވާފަ އެވެ. މި ބަދަލާއިއެކު އެ ޓީމުގެ އެޓޭކް ވަނީ އިތުރަށް ވަރުގަދަ ވެފަ އެވެ.

ކްރިސްޓަލް ޕެލަސް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 58 ވަނަ މިނިޓުގައި އެޑީ އެންކޭޓީއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. ޕެލަސް އިން މި މެޗުގައި ޖެހި ދެ ލަނޑުވެސް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ޔެރެމީ ޕިނޯ އެވެ.

ކޮންފަރެންސް ލީގުގައި ކްރިސްޓަލް ޕެލަސް އިން ހޯދި ކާމިޔާބީއަށްފަހު އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި އެ ޓީމު ނިކުންނާނީ ރަށުން ބޭރުގައި އެވަޓަން އާއި ދެކޮޅަށެވެ.