ޚަބަރު

ރޯމާ އަތުން ލިލް މޮޅުވިއިރު ތިން ޕެނަލްޓީ ކީޕަރު ވަނީ މަތަކޮށްފަ


ޔޫރޮޕާ ލީގުގައި ރޭ އިޓަލީގެ ރޯމާ އާއި ދެކޮޅަށް ފްރާންސްގެ ލިލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ލިލް މޮޅުވިއިރު އެ ޓީމުގެ ކީޕަރު ވަނީ ތިން ޕެނަލްޓީ މަތަކޮށްފަ އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި ލިލްގެ ހެކޮން އަރްނާރް ހެރަލްޑްސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ދެވަނަ ހާފުގައި ރޯމާ އިން ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސް ކުޅުން ރަގަޅުކޮށްފަ އެވެ.

އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ރޯމާ އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ލިލްގެ އައިސާ މަންޑީ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ރެފްރީ އެ ޓީމަށް ޕެނަލްޓީ އެއް ދިން ނަމަވެސް އާޓެމް ޑޮބްވީކް ފޮނުވާލި ޕެނަލްޓީ ލިލްގެ ގޯލުކީޕަރު ވަނީ މަތަކޮށްފަ އެވެ.

ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ ލިލްގެ ޑިފެންޑަރެއް އޭރިޔާ ތެރެއަށް ވަނުމާއި ގުޅިގެން ޕެނަލްޓީ އަލުން ޖަހަން އަންގާފަ އެވެ. ދެވަނަ ފަހަރަށް ޖެހި ޕެނަލްޓީވެސް ލިލްގެ ގޯލުކީޕަރު މަތަކޮށްފައިވާއިރު ރެފްރީ ވަނީ ދެވަނަ ޕެނަލްޓީވެސް ގޯސްކަމަށް އަންގާ ތިންވަނަ ފަހަރަށް ޕެނަލްޓީ ޖަހުވާފަ އެވެ.

ރޯމާގެ އަށް ލިބުނު ޕެނަލްޓީ ދެ ފަހަރު ޖަހައިގެންވެސް ކާމިޔާބުވެފައިނުވާއިރު ތިންވަނަ ފަހަރަށް މަޓިއަސް ސޯލް ޖެހި ޕެނަލްޓީވެސް ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މި މެޗަށްފަހު ރޯމާގެ ކޯޗު ޖިއާން ޕިއެރޯ ގެސްޕެރީނީ ބުނެފައިވަނީ މެޗެއްގައި ތިން ޕެނަލްޓީ ނާކާމިޔާބުވިތަން މީގެ ކުރިން އޭނާއަށް ފެނިފައިނުވާ ކަމަށާއި މި މެޗުން އެ ޓީމަށް ޕޮއިންޓެއް ލިބިފައިނުވަނީ ޕެނަލްޓީ ކާމިޔާބުވުމުން ކަމަށެވެ.