ޚަބަރު

އެޗްޑީސީގެ 200 މިލިޔަން ރުފިޔާގެ ޚިޔާނާތް، ޤާނޫނީ ފިޔަވަޅު އަޅަން އިދާރާތަކަށް


  • 200 ވަރަކަށް މިލިޔަން ރުފިޔާގެ ހިޔާނާތެއް ވެފައިވޭ

  • ކަނޑައަޅާފައިވާ އިޖުރާތުތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައިވޭ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ބިމާއި، މުދަލާއި، ޚިދުމަތް ބޭނުންކުރުމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ހުށަހަޅުއްވައިފިއެވެ.

އެޗްޑީސީން ވިދާޅުވީ 2019ވަނަ އަހަރުން ފެށިގެން އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ ބިމާއި، މުދަލާއި، ހިދުމަތުން، 200 ވަރަކަށް މިލިޔަން ރުފިޔާގެ ޚިޔާނާތް ވެފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، އެކަންކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ތަހުގީގީ އިދާރާތަކަށް ހުށަހަޅައިފާވާ ކަމަށެވެ.

އެޗްޑީސީން ވިދާޅުވީ މި ޚިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަންގެ މުދަލުން ވަންކަންކުރުމާއި، ކޯޕަޜޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަނުގެ ބިންތައް ކުއްޔަށް ދިނުމަށް ހިންގާފައިވާ މުއާމަލާތްތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަންވެސް ވަނީ އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެކުންފުނިން ވިދާޅުވީ މި މައްސަލަތައް ތަހުގީގުކޮށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، އެ ކޯޕަރޭޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް މެދުވެރިކޮށް، މިދިޔަ ސަރުކާރުގައި ޤާނޫނާއި ޤަވާއިދާއި އުސޫލްތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ މުއާމަލާތްތަކެއް ކޮށްފައިވަކަން އޮޑިޓް ރިޕޯތްތަކުން ދަނީ ހާމަވަމުންނެވެ. އަދި ދައުލަތުން ގެއްލިފައިވާ ގިނަ ޢަދަދެއްގެ ފައިސާ އަނބުރާ ހޯދުމަށްވެސް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.