ޚަބަރު

މީޑިއާ ކޮމިޝަން އިންތިޚާބު: ވޯޓުލާން ރަޖިސްޓްރީކުރަން ހުޅުވާލައިފި


  • މީޑިއާ ކޮމިޝަން އިންތިޚާބު އޮންނާނީ މި މަހުގެ 11ވަނަ ދުވަހު

  • ކޮންމެ މީޑިއާއަކަށްވެސް ވޯޓުލާން ރަޖިސްޓްރީކުރެވޭނީ އެކަކު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބުގައި ކޮންމެ މީޑިއާއަކުންވެސް ވޯޓުލުމަށް ކަނޑައަޅާފައިވާ ފަރާތް، ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުލުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ގަވާއިދުގައި ވަނީ، މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލެވޭނީ ކޮންމެ މީޑިއާއަކުންވެސް އެންމެ މީހަކަށްކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 11ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީޑިއާތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ވަނީ ޢާންމުކޮށްފައެވެ.

މީޑިއާ ރެގިއުލޭޝަން ޤާނޫނުގެ ދަށުން ބާއްވާ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބޭ ކޮންމެ މީޑިއާއަކުންވެސް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވޭނީ އެންމެ މީހަކެވެ. އެގޮތުން، ކޮންމެ މީޑިއާއަކުންވެސް ވޯޓުލާނެ ފަރާތް ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް އެދި އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ އޮންލައިން ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެ ކަމަށާއި ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެހެން ލިޔުމެއް ހުށަހަޅަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީޑިއާތަކުން ވޯޓުލާން ކަނޑައަޅާ ފަރާތާ އެކަން ހަވާލުކޮށްފައިވާކަން އެންގުމަށް، އެ ބްރޯޑްކާސްޓަރަކީ ނުވަތަ މީޑިއާއަކީ ކުންފުނި ނުވަތަ ހިންގާ ކޮމިޓީއެއްގެ ދަށުން ހިންގާ ތަނެއްނަމަ، ކުންފުނީގެ ބޯޑު ނުވަތަ ހިންގާ ކޮމިޓީގެ ނިންމުމެއް، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތުގެ ނަމާއި އަތޮޅާއި ރަށާއި އެޑްރެހާއި އައިޑީކާޑު ނަންބަރު އަދި އެ ތަނެއްގެ ތައްގަނޑު ހިމެނޭގޮތަށް ޕޯޓަލަށް އަޕްލޯޑްކުރަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ބްރޯޑްކާސްޓަރު ނުވަތަ މީޑިއާ އަކީ ސަރުކާރުގެ ވުޒާރާ ނުވަތަ ސަރުކާރުގެ އިދާރާއެއްގެ ދަށުން ހިންގާ ތަނެއްނަމަ، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ލިޔުމެއް ވަޒީރު ނުވަތަ އެއިދާރާއެއްގެ އިސްވެރިއެއްގެ ސޮއާއެކު ހުށަހަޅަންވާނެއެވެ.

މީގެއިތުރުން ބްރޯޑްކާސްޓަރު ނުވަތަ މީޑިއާއަކީ އަމިއްލަ ފަރުދެއް ހިންގާ ތަނެއްނަމަ، ވޯޓުލާން ރަޖިސްޓަރީކުރާ ފަރާތަށް އެކަން ހަވާލުކޮށްފައިވާކަން އެނގޭނެ ލިޔުމެއް އެތަނެއްގެ މަސްއޫލުވެރިޔާގެ ސޮޔާއެކު ޕޯޓަލަށްށް އަޕްލޯޑްކުރަންވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އެ ކޮމިޝަނުން ވިދާޅުވިގޮތުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ފަރާތުން، ވޯޓުދިނުމަށްޓަކައި އެ ފަރާތްތަކުން ކަނޑައަޅާ މީހަކު ރަޖިސްޓަރީ ކުރުން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ.

މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ. މި މަހުގެ 11ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި މީޑިއާ ކޮމިޝަނަށް 4 މެންބަރުން އިންތިޚާބު ކުރާނެއެވެ. އެއީ ބްރޯޑްކާސްޓަރުންގެ ތެރެއިން 2 މެންބަރުންނާއި އެހެނިހެން މީޑިއާތަކުން ދެ މެންބަރުންނެވެ.