ކުޅިވަރު

ފްރާންސް ދޫކޮށް ޒިދާންގެ ދަރިފުޅު އަލްޖީރިއާގެ ގައުމީ ޓީމަށް


ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާންގެ ދަރިފުޅު ލޫކާ ޒިދާން އަލްޖީރިއާގެ ގައުމީ ޓީމަށް ކުޅެން ނިންމައިފިއެވެ.

އޭނާ ވަނީ އަލްޖީރިއާގެ ގައުމީ ޓީމުން ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެންޖެހޭ ދެ މެޗަށް ޓީމުގައި ހިމަނާފައެވެ. އުމުރުން 27 އަހަރުގެ ލޫކާ ޒިދާން ވަނީ ޔޫތު ލެވެލްގައި ފްރާންސަށް ކުޅެފަ އެވެ. ނަމަވެސް ބައްޕަގެ ގައުމަށް ނުކުޅެ ދޫކޮށްލީ ފްރާންސްގެ ގައުމީ ޓީމުގެ ވާދަވެރިކަން ބޮޑުވުމާއި ގައުމީ ޓީމުން ޖާގަ ލިބޭނެ ކަމުގެ ޔަގީންކަން ކުޑަވުމުންނެވެ. ނަމަވެސް މި ނިންމުމާމެދު އޭނާ ވެސް އަދި އޭނާގެ އާއިލާއިން ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ލޫކާ ޒިދާން މިހާރު ކުޅެމުންދަނީ ސްޕޭނުގެ ދެ ވަނަ ޑިވިޝަނުގެ ގްރަނާޑާ އަށެވެ. އޭނާ އަށް އަލްޖީރިއާގެ ގައުމީ ޓީމަށް ކުޅެވޭގޮތްވީ ކާފަ އާއި މާމާ އަކީ އެ ގައުމަށް ނިސްބަތްވާ ބަޔަކަށްވުމުންނެވެ. މިހެންވެ ޒިދާނަކީ ވެސް އަލްޖީރިއާ މީހެކެވެ. އޭނާ ފްރާންސްގެ ގައުމީ ޓީމަށް ކުޅުނީ މައިންބަފައިން ފްރާންސަށް ހިޖުރަ ކުރުމުންނެވެ.

ޒިދާނަކީ ފްރާންސް ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ހޯދައިދޭން ފައިނަލް މެޗުގައި ބްރެޒިލް ކޮޅަށް ދެ ގޯލު ޖެހީ އޭނާ އެވެ. އޭގެ ފަހުން 2000 ވަނަ އަހަރު ޔޫރޯ ކާމިޔާބުކޮށްދީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ފްރާންސް ކުޅުނީ އޭނާގެ ކެޕްޓަންކަމުގަ އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ދެ ފަހަރު ހޯދާފައިވާ ޒިދާން މިހާރު އުއްމީދު ކުރަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ގައުމީ ކޯޗުގެ މަގާމު އަދާ ކުރުމަށެވެ.

ކޯޗެއްގެ ގޮތުގައި އޭނާ މިހާތަނަށް ފެނުނީ ކުރީގެ ކުލަބު ރެއާލް މެޑްރިޑުގަ އެވެ. އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ ރެއާލް އަށް ވިދިވިދިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމެވެ. ބައްޕަ ފަދައިން ލޫކާ ވެސް ވަނީ ރެއާލްގެ ލެޖެންޑަކަށް ވުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ރެއާލްގައި ހިފަހައްޓާނުލެވި އެ ކުލަބުން އެންމެ ފަހުން އޭނާ ދޫކޮށްލީ އެވެ.