ކުޅިވަރު

އެލިސަން ހަ ހަފުތާއަށް ކުޅުމާ ދުރަށް


ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ހަ ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ބްރެޒިލްގެ ގައުމީ ކީޕަރަށް އަނިޔާވީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ތުރުކީގެ ގަލަތަސަރާއީ އަތުން ލިވަޕޫލް ބަލިވި މެޗުގައެވެ. މި މެޗުގެ 56 ވަނަ މިނެޓްގައި އޭނާ ބޯޅަ ދިފާއުކުރަން އުޅެނިކޮށް ވަނީ ކަކުލަށް ތަދުވެފަ އެވެ. ނަމަވެސް ލިވަޕޫލުން ބުނީ ކުޅުންތެރިޔާގެ ފަލަމަސްގަނޑު އިރައިގެން ގޮސްފައިވާ ކަމަށެވެ.

އުމުރުން މިހާރު 33 އަހަރުގެ ކީޕަރަށް ދެން ކުޅެވޭނީ އަންނަ ނޮވެމްބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކްގެ ފަހުންނެވެ. މި އަނިޔާގެ ސަބަބުން އެލިސަންއަށް ގެއްލޭނެ ކަމަށް ލަފާކުރެވޭ މުހިންމު މެޗުތަކުގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ލިވަޕޫލްގެ އެންމެ ބޮޑު ވާދަވެރިޔާ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެންޖެހޭ މެޗުވެސް ހިމެނެއެވެ. މީގެ އިތުރުން މެންޗެސްޓާ ސިޓީ އާއި ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ވެސް ހިމެނެއެވެ.

އެލިސަން ނެތުމުން ލިވަޕޫލްގެ ގޯލް ބަލަހައްޓާނީ ޖޯޖިއާގެ ގައުމީ ކީޕަރު ޖިއޯޖީ މަމަޑަޝްވިލީއެވެ. މި ސީޒަނުގައި ލިވަޕޫލްއާ ގުޅުނު ކީޕަރަކީ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. އޭނާ ލިވަޕޫލްއަށް ގަތީވެސް އެ މުބާރާތަށްފަހުއެވެ. ލިވަޕޫލަށް ސޮއިކުރި ނަމަވެސް ހުސްވި ސީޒަން އޭނާ ހޭދަކުރީ ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ވެލެންސިއާގައެވެ.

ލިވަޕޫލްއިން މަމަޑަޝްވިލީ ގަތީވެސް އެލިސަންގެ އުމުރު މަތިވަމުންދިޔުމާއި، ގާތްގާތުގައި އޭނާއަށް ވަމުންދާ އަނިޔާތަކުގެ ސަބަބުން ކުރިމަގުގައި ލިވަޕޫލްގެ ގޯލް ބަލަހައްޓާނެ ޒުވާން ކީޕަރަކު ހޯދުމުގެ ގޮތުންނެވެ.