ޚަބަރު

"އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމް އައްޑޫ ސިޓީގައި ފަށައިފި


  • އައްޑޫގައި ފެށި ތަމްރީން ޕްރޮގުރާމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަށް

  • މި ޕްރޮގުރާމްގައި އައްޑޫސިޓީން ޖުމުލަ 37 މީހުން ބައިވެރިވޭ

"އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމް އައްޑޫ ސިޓީ ހިތަދޫގައި ފަށައިފިއެވެ. މިއީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ޝަމްޢާން ވިދާޅުވީ މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ މުޖްތަމައުގައި ހިނގާ އެކިކަންކަމާއި އެކި ދާއިރާތަކުން އޭގެ އިސްބޭފުޅުން މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުންކަމަށެވެ.

ޝަމްއާން ވިދާޅުވީ އައްޑޫގައި ކުރިއަށްދާ ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ހަބަރު ފެތުރުމާއި ހަބަރު ފެތުރުމުގައި ޒިންމާދާރު ވާންވީ ގޮތްތަކާއި އަހުލާގީ މިންގަނޑުތަކަށްކަމަށެވެ.

" އިނގިވަޑައިގަންނާނެ އަޅުގަނޑުމެންގެ މުޖްތަމައުއަކީ ވަރަށް ޕްލޮރައިޒްޑު ސޮއިޓީއެއް. ސޯޝިއަލް މީޑިއާ އެކި މަންސަތަކުގައި ގިނަ ބަޔަކު ހަރަކާތްތެރިވާ މުޖްތަމައުއެއް އޮތް ތަނެއްމީ. އެހެންވީމައި އެންމެންވެސް ރައްކާތެރިވާންޖެހޭ ފެތުރޭ ހަބަރާއި ހަބަރު ފެތުރުމުގައި މައިގަނޑުގޮތެއްގައި އެކަމުގެ މައްޗައް އަލި އަޅުވާލާ ސެޝަންތައް ކުރިއަށް ގެންދާނީ" ޝަމްއާން ވިދާޅުވިއެވެ.

ޝަމްޢާން ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން، މުޖްތަމަޢުގައި ހަވާސާއިން ބޭރުވެފައި ތިބި ފަރާތްތައް ހަވާސާގެ ތެރެއަށް ގެނައުމުގައި މުޖްތަމައުގެ ޒިންމާއަކީ ކޮބާކަމާއި މުޖްތަމަައު ހޭލުންތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި އާރޓިފިޝިއަލް އިންޓެލިޖެންސާއާއި އެކީ އުޅެން ދަސްކުރުމާއި ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ މުހިންމު މުޖްތަމައުއާއި ގުޅުން ހުރި އެކި ސެޝަންތައް ކުރިއަށް ދާނެކަމަށް ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވީ "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމަކީ ނޫސްވެރިންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކަށް ރިޢާޔަތްކޮށްގެން މީޑިއާއާ ބެހޭ ތަމްރީން ދިނުމަށްޓަކައި ހިންގާ ޕްރޮގުރާމެއް ކަމަށެވެ. އަދި މި ޕްރޮގުރާމްގެ މަޤުޞަދަކީ ފެތުރެމުންދާ ދޮގު ޚަބަރާއި މަޢުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި މީޑިއާއަށް ވިލުންތެރި މަސައްކަތްތެރިން އުފެއްދުންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

އައްޑޫގައި ފެށި ތަމްރީން ޕްރޮގުރާމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގުރާމްގައި އައްޑޫސިޓީގެ އެކި ރައްތަކުން ޖުމުލަ 37 މީހުން ބައިވެރިވެއެވެ. ބައިވެރިންގެ ތެރޭގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި މި ސަރަހައްދުގައި ހިންގާ އޮންލައިން ނޫސްތަކުން ބައިވެރިވެއެވެ. މިއީ އަތޮޅުތަކުގައި މިގޮތަށް ކުރިއަށްގެންދާ 4 ވަނަ ޕްރޮގުރާމެވެ. މީގެ ކުރިން މާލެ ، ފުވައްމުލައް، ރ. އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ.