ޚަބަރު

ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ކުރިއަށް އޮތް 5 ހަފްތާތެރޭގައި ދައްކާ ނިންމާނެ: ރައީސް


  • ރައީސް ވިދާޅުވީ މިއީ ސަރުކާރުން ހާސިލުކުރާ ބޮޑު ކާމިޔާބީއެއްކަމަށް

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދިވެހި ކުންފުނިތަކަށް ސަރުކާރުން ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދީ ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއަާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 17 ނޮވެމްބަރު 2023ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިންމަވާނެކަމަށެވެ. ރައީސް ވިދާޅުވީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މިއީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.

ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާފައި، ފައިސާނުދީ ހުރި މަސައްކަތްތަކުގެ ބިލުތަކަށް ފައިސާ ދެއްކެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާއިރު، ނިމިދިޔަ ސަރުކާރުގައި އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ 9 ބިލިޔަން ރުފިޔާ އޮތީ ނުދައްކާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އޭގެތެރޭގައި ސްކޫލްތައް ތަރައްޤީކުރުމާއި މިސްކިތްތައް ހެދުމާއި އަދި އެނޫންވެސް އެތައް މަޝްރޫއެއް ހިމެނެއެވެ. ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އިތުރުން މަސްވެރިންނަށް ދޭންޖެހޭ 260 މިލިޔަނެއްހާ ރުފިޔާވެސް އޮތީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ނުދައްކާކަމަށް ސަރުކާރުން ވިދާޅުވެއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށް، ކުންފުނިތަކަށް ދޭންޖެހޭ ފައިސާވެސް ދައްކަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ އެތައް ބިލިޔަން ރުފިޔާއެއް ނުދައްކާ އޮތްއިރު، މިދިޔަ ސަރުކާރު ނިމުނުއިރު ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ، ދައުލަތުގެ ދަރަނިވެސް އޮތީ 120 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އަދި މިދިޔަ 40 އަހަރުތެރޭގައި ޗާޕުނުކުރާ މިންވަރަށް ނިމިދިޔަ ސަރުކާރުގައި ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގުވެސް އޮތީ އިންތިހާއަށް އުފުލިފައެވެ. މީގެއިތުރުން ބޭރުގެ އިދާރާތަކާއި ޤައުމުތަކަށް ލޯނު ފައިސާ ދެއްކުމަށް ޤާއިމްކޮށްފައިވާ ސޮވްރިން ފަންޑުގައި ހުރި އެތައް މިލިޔަން ޑޮލަރެއްވެސް ނިމިދިޔަ ސަރުކާރުން ވަނީ ބޭނުންކޮށްފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ސޮވްރިން ފަންޑަށް ޑޮލަރު ޖަމާކޮށް ރައްކާކުރުމުގެ މަސައްކަތް އަލުން ފައްޓަވާފައެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާލައްވައި، ބޭރުގެ ފައިސާގެ އަގު އުފުލުނަނުދިނުމަށް ހަރުދަނާ އުސޫލުތަކެއް ވަނީ އެކުލަވާފައެވެ. މީގެއިތުރުން މަސްވެރިންނާއި، އެ ނޫންވެސް އެކި މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ގަވާއިދުން އަންނަނީ ދެއްވަމުންކަންވެސް ސަރުކާރުން ފާހަގަކުރައްވައެެވެ.