ޚަބަރު

ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް އޭސީސީއާއި ފުލުހުންނާއެކު ޕީޖީން ޚާއްސަ މަސައްކަތްތަކެއް


  • މައްސަލަތައް އަވަސްކުރުމަށް އިދާރާތައް ގުޅިގެން ވަނި މަސައްކަތް ފަށާފައި

  • ޚާއްސަ ޕްރޮސެކިއުޝަން ޓީމެއް ވަނީ އެކުލަވާލާފައި

ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް އޭސީސީއާއި ފުލުހުންނާއެކު ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ބޮޑެތި ޚިޔާނާތުގެ ތެރޭގައި ހިމެނޭ މައްސަލަތައް އަަވަސްކުރުމަށް މަސައްކަތްކުރަމުންދާއިރު، އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާ އުފުލުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޚާއްޞަ ސަމާލުކަމެއް ދީގެން، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ދަންނަވާފައިވާ މައްސަލަތަކެއްކަމަށެވެ. އެގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައްދުވާ ގޮތަށް މިއަހަރުގެ ޖެނުއަރީ މަހުގެ 26ވަނަ ދުވަހު ނެރެފައިވާ އަމުރާ އެކު، އިރުޝާދެއް ތައްޔާރުކޮށް، އެ އިރުޝާދުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މި މައްސަލަތަކުގެ ތަޙްޤީޤު ފުރިހަމަކޮށް، ހުށަހެޅުމަށް ދަންނަވާފައިވާކަމަށްވެސް ޕީޖީން ވިދާޅުވެއެއެވެ.

ޕީޖީން ވިދާޅުވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގައި، ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް، ޕީޖީއަށް ހުށަހެޅުމަށްވެސް 19 ޖަނަވަރީ 2025 ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ދަންނަވާފައި ވާނެއެވެ. އަދި އެ އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބު، ޕީޖީ އޮފީހާ މަޝްވަރާކުރުމަށް 08 އޮކްޓޫބަރު 2025 ދުވަހުގެ ކުރިން ހުށަހެޅުމަށް މިހާރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގާފަވާކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މީގެއިތުރުން އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާކަމަށްވެސް ޕީޖީން ވިދާޅުވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މި މައްސަލަތައް އަވަސްކުރުމަށް އޭސީސީއަށް ބޭނުންވާ އެހީތެރިކަން 24 ގަޑިއިރު ލިބޭގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޕްރޮސިކިއުޝަން ޓީމްތަކެއް އެކުލަވާލާފައިވާކަމަށެވެ. އަދި މި މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި، ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިޔަށް ގެންދިޔުމަށް ދަންނަވާފައިވާނެކަމަށްވެސް ޕީޖީއިން ވިދާޅުވިއެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށްގެންދަމުންކަމަަށް ޕީޖީން ވިދާޅުވެއެވެ.

ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހާ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ.