ޚަބަރު

މިޑީއާ ކޮމިޝަންގެ އިންތިޚާބު: ވޯޓާސް ލިސްޓަށް ގެނައި ބަދަލުތައް ގެޒެޓުކޮށް، ޝަކުވާއަށް ހުޅުވާލައިފި


  • އިންތިޚާބު އޮންނަނީ މިމަހުގެ 11 ވަނަ ދުވަހު

  • މިއީ 7 މެންބަރުންގެ ކޮމިޝަނެއް

މިޑީއާ ކޮމިޝަންގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓްރީއަށް ގެނައި ބަދަލުތައް ގެޒެޓުކޮށް، ލިސްޓަށް ޝަކުވާ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާއިފިއެވެ.

މީޑިއާތަކުގެ ތެރެއިން މީޑިއާ ކޮމިޝަނަށް އިންތިޚާބު ކުރާ މެންބަރުން އައްޔަން ކުރެއްވުމަށް ބާއްވާ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އޮކްޓޯބަރު 11ވަނަ ދުވަހު މި އިންތިޚާބު ބާއްވަން މިހާރު ވަނީ ތާވަލުކޮށްފައެވެ.

އިލެކްޝަން ކޮމިޝަނުން ގެޒެޓުކޮށްފައިވާ އިޢުލާނުގައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ޢާންމުކޮށްފައެވެ. އެގޮތުން ރަޖިސްޓްރީއަށް ހުށައެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކުގެ ތެރެއިން 18 ފަރާތެއް ވަނީ އުނިކޮށްފައެވެ. އަދި މި ރަޖިސްޓްރީއަށް އިތުރު ކުރި 64 މީޑިއާ/ބްރޮޑްކާސްޓަރުންވެސް ވަނީ އާއްމުކޮށްފައެވެ. މި ލިސްޓަށް، ގެޒެޓުގައި އާއްމުކޮށްފައިވާ އިޢުލާނާއެކު ވަނީ ހިމަނާފައެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވަނީ މިރޭގެ 10:00ގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށައެޅޭނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް، [email protected] އަށް ފޮނުއްވައިގެންނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު އޮތީ ހުޅުވާލާފައެވެ. އައު ޤާނޫނާއެކު އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި 7 މެންބަރުންގެ ތިއްބަވާނެއެވެ. އެއީ މީޑިއާތަކުން އިންތިޚާބު ކުރާ 4 މެންބަރުންނާއި މަޖިލީހުން އައްޔަން ކުރައްވާ 3 މެންބަރުންނެވެ. މީޑިއާ ކޮމިޝަނުގެ ޤާނޫނަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރަންވާނެކަމަށް ޤާނޫނުގައި ބުނެއެވެ.