ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދުކުރުމަށް އިސްކަންދޭ ކަންކަމާއި އެކަމަށް ހުރި ލަނޑުދަނޑިތަކުގެ މައްޗަށް ބިނާކޮށް ސްޓްރެޓެޖީއެއް އެކުލަވާލައިފިއެވެ.
"ނޭޝަނަލް ސުއިސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ" އަކީ ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ. ޞިއްޙީ ވުޒާރާގައި ބޭއްވިރަސްމިއްޔާތެއްގައި މި ސްޓްރެޓަޖީ އިފްތިތާހްކޮށްދެއްވީ ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތު ސާރވިސަސް ޑރ. އަހްމަދު އަޝްރަފްއެވެ. މި ހަފްލާގައި ޞިއްޙީ ވުޒާރާ އަދި ޑަބްލިއުއެޗްއޯ ގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ސްޓްރެޓެޖީގެ މައިގަނޑު މަގުސަދަކީ އާންމު ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ބަލީގެ ސަބަބުން އަމިއްލަ ފުރާނަ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމާއި މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމާއި، އިޖުތިމާއީ، އިގްތިސާދީ އަދި ސަގާފީ ކަންކަމުގައި މުޖުތަމަޢު ބައިވެރިކޮށް، ނާޒުކު ފަރާތްތަކަށް އަވަސް ނަފްސާނީ އެހީ ދިނުމާއިއެކު ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާ ކުރުމެވެ.
ސިއްޙީ ވުޒާރާއިން އެކުލަވާލަފައިވާ މި ސްޓްރެޓެޖީގައި ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ޢަމަލުތައް ހުއްޓުވުމަށް އަމާޒުކޮށްގެން އެކި ދާއިރާތަކަށް އިސްކަންދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ހުއްޓުވުމުގެ ސިޔާސަތުތައް ބައްޓަންކުރުމާއި، އިޖްތިމާޢީ ހުނަރުތައް ދަސްކޮށްދިނުމާއި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ތަނަވަސްކުރުން ހިމެނެއެވެ.
ނާޒުކު ހާލަތުގައި ތިބި ފަރާތްތައް ދެނެގަތުމާއި ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި ޑިޖިޓަލް އަދި މީޑިއާ ހޭލުންތެރިކަން އިތުރުކުރުމާއި އަދި ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރުން ފަދަ މުހިންމު ކަންތައް ހިމެނެއެވެ. އަދި މި ސްޓްރެޖީގެ ސަބަބުން، މި ފަދަ މައްސަލަތަކަށް ހުށައެޅޭ ފަރާތްތައް އަވަހަށް ދެނެގަނެ، އިތުރުއެހީ ބޭނުންވާ ފަރާތްތަކަށް ރިފަރަލްގެ ހިދުމަތް ފޯރުކޮށްދިނުމާޢި، ފަރުވާގެ ޕްރޮގްރާމްތަކުގައި ދެމިތިބުމަށް ބާރުއެޅުމާއި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ހިމެނެއެވެ.
ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވުމަކީ ދުނިޔޭގެ އާންމު ޞިއްޙަތުގެ ބޮޑު ކަންބޮޑުވުމެކެވެ. ކޮންމެ އަހަރަކު 720،000 އަށް ވުރެ ގިނަ މީހުން މިކަމަށް ހުށައެޅޭއިރު، މިއީ އެޗްއައިވީ/އެއިޑްސް، ހިމަބިހި، އުރަމަތީގެ ކެންސަރު ފަދަ ބަލިތަކުން މަރުވާ މީހުންގެ ނިޞްބަތަށް ބަލާއިރު އިތުރު އަދަދެކެވެ.
ރާއްޖޭގައި ހެދިފައިވާ ތަފާސް ހިސާބުތަކުން ދައްކާއިރު ގެވެށިއަނިޔާ ތަޖުރިބާކުރި އަންހެނުންގެ ތެރެއިން %18.7 އަންހެނުން އަމިއްލައަށް މަރުވުމުގެ ޚިޔާލު ގެންގުޅެފައިވެއެވެ. ގެވެށިއަނިޔާ ތަޖުރިބާކުރި އަންހެނުންގެ ތެރެއިން %14 އަންހެނުން ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފަކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައިވެސް ކޮންމެ 20 މީހަކުން އެކަކު، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ނުވަތަ އަމިއްލައަށް މަރުވުމުގެ ޚިޔާލު ހުންނަކަން ފާހަގަވެފައިވެއެވެ.
މިއަދު، މުޖްތަމައުގެ ހާލަތު ބަދަލުވަމުންދާ ފަދައިން ތަފާތު އެކި ސަބަބުތަކާއި ހެދި ގިނަބަޔަކު ވަނީ ނަފްސާނީ ޞިއްޙީ އުދަގޫތަކާއި ކުރިމަތިލާންޖެހިފައެވެ. މީގެ ތެރޭގައި އެކަށީގެންވާ ތަޢުލީމީ ފެންވަރެއްނެތުމާއި، ފައިސާގެ ދަތިކަމާ، ޖިންސީ ގޯނާ ކުރުމާއި، ގެވެށި އަނިޔާ ފަދަ މައްސަލަތައް އަދި މަސްތުވާތަކެތި ގިނަ ދުވަހު ބޭނުންކުރުމުގެ ސަބަބުން ނަފްސާނީ ބަލީގެ ޝިކާރައަކަށްވާ މީހުންގެ ޢަދަދު ގިނަކަން ފާހަގަކުރެވެއެވެ.
ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަމާ ގުޅިގެން ނަފްސާނީ ޞިއްޙަތުގެ ބަލިމަޑުކަން 2020 ވަނަ އަހަރު ދެ ގުނައަށް އިތުރުވެ، ޑިޕްރެޝަނާއި ހާސްކަމާއި، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި، އަމިއްލައަށް މަރުވުމުގެ މައްސަލަތައް އިތުރުވަމުން ދިޔަކަން ފާހަގަ ކުރެވުނެވެ.
ރާއްޖޭގައި ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވާ ހާދިސާތައް އިތުރުވަމުން ދިއުމާ ގުޅިގެން، މިކަން ވަނީ ޤައުމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ނާޒުކު މައްސަލައަކަށް ބަދަލުވެފައެވެ. މި ކަންބޮޑުވުން އިތުރުވަމުންދާ މިންވަރަށް ބަލާއިރު، މިއީ މުޖުތަމަޢުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުކުރުވާ ގޮންޖެހުމެއްކަން ފާހަގަކުރެވެއެވެ. މިއީ އެހީތެރިކަން ހޯދުމަށް ހުރަސްއެޅޭ ފަދަ ސްޓިގްމާ އާއި ނުރަނގަޅު ޚިޔާލުތަކާއި ގުޅިފައިވާ މައްސަލައެއް ކަމަށްވެފައި އަދި މިފަދަ ކަންތައްތަކުން ސަލާމަތްވާން މަސައްކަތްކުރާ މީހުންނާ މެދު ގިނަ ފަހަރަށް ޢާއިލާތަކާއި މުޖުތަމަޢުގެ ނުރުހުމާއި ދެކޮޅުވެރިކަން ކުރިމަތިވާ ގޮތްކުރިމަތިވެއެވެ. މީގެ އިތުރުން މިފަދަ މީހުންނާ ދިމާލަށް "ބިރުވެރި"، "މޮޔަ" ނުވަތަ "ސަމާލުކަން ހޯދުން" ފަދަ ބަސްތައް ރައްދުވެގެން ދެއެވެ.