ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކޮމިޝަނުން ހާމަކުރައްވައިފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން އޭސީސީން ނެރުއްވި ނޫސް ބަޔާނުގައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގިނަ މައްސަލަތަކަކީ އެކޮމިޝަނުން މިހާރުވެސް ތަޙްޤީގު ކުރަމުން އަންނަ މައްސަލަތަކެއްކަމަށެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ 161 މައްސަލައެއް ތަޙްޤީގުކުރަމުން އަންނަކަމަށް އޭސީސީން ވިދާޅުވިއެވެ.
މިމައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ފަށާފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ. އަދި 2022ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްވާ 9 މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށާއި، އޭގެތެރެއިން ބައެއް މައްސަލަތަކުގައި ދަޢުވާކުރެވި މިހާރު ހުކުމްވެސްކޮށްފައިވާކަމަށް އޭސީސީން ބަޔާނުގައިވަނީ ހާމަކުރައްވާފައެވެ.
އޭސީސީން ވިދާޅުވީ ފެނަކައާ ގުޅޭ އެކި މައްސަލަތައް ތަޙްޤީގުކުރުމަށްފަހު އެމައްސަލަތަކާ ގުޅިގެން މިހާތަނަށް 21،458،280.86 (އެކާވީސް މިލިޔަން ހަތަރުސަތޭކަ ފަންސާސް އަށްހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އަންގަވާފައިވާކަމަށެވެ.
މީގެއިތުރުން ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާހްކުރުމަށް އޭސީސީން ފެނަކައަށް ކުންފުންޏަށް އަންގާފައިވާކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ކުންފުނި ހިންގުމާއި ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާގޮތުގެ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމަކާއި، ކުންފުނިން ބަލައި ތަޙްޤީގުކުރުމުގެ 8 ކަމެއްގެ އިތުރުންވެސް އިތުރު ކަންކަން ހިމެނޭކަމަށް އޭސީސީން ވިދޅުވެއެވެ.