ޚަބަރު

އެމްއެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


  • މިއީ މުޅިން އަލަށްދޭ އެވޯޑެއް

  • މިމަހުގެ 9 ވަނަ ދުވަހުގެ 23:59 އާ ހަމައަށް ވަނީ މުއްދަތު އިތުރުކޮށްފަ

ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށްދޭ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025"އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީން ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑްސް 2025" ތަޢާރަފުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ.

މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބީސީސީއިން އެކަމަށް ޚާއްޞަ ކޮށްފައިވާ އޮންލައިން ޕޯޓަލް (https://msme.bcc.mv) މެދުވެރިކޮށެވެ. އެކި ގިންތިތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 9 ވަނަ ދުވަހުގެ 23:59 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.

މި އެވޯޑަކީ ވިޔަފާރީގެ ރޮގުން ޚާއްސަ ކާމިޔާބީތައް ހޯދާ ފަރާތްތައް ފާހަގަކުރުމަށްޓަކައި، އަހަރަކު އެއް ފަހަރު ބީ.ސީ.ސީ އިން ދިނުމަށް ހަމަޖެހިފައިވާ ޚާއްސަ އެވޯޑެކެވެ. އެގޮތުން ފަނޑިޔާރުން ހޮއްވަވާ 13 ގިންތިއަކާއި، ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ 11 ގިންތިއަކަށް ފޯމު ހުށަހެޅޭނެއެވެ.

ބީސީސީން ވިދާޅުވީ މި އެވޯޑާއެކު ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތައް އަގު ވަޒަންކުރެވި، އައު ބާޒާރުތަކަށް މަގުފަހި ވުމުގައި އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ. ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަ ކުރުމަށް ޓަކައި ހުޅުވާލެވިފައިވާ މި ފުރުސަތުގައި ވީހާވެސް ގިނަ ވިޔަފާރިތަކުން ބައިވެރިވުމަށް ބީސީސީން އެދިލައްވައެވެ.