ޚަބަރު

ޗައިނާގެ ހިލޭ އެހީގައި ކުރިއަށް ގެންދާ 3 މަޝްރޫޢެއް ދާދި އަވަހަށް ފެށޭނެ: ސަފީރު


  • މިއީ މާލެ މަގު ހެދުމާއި، ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން 50 ކައުންސިލް އިމާރާތުގެ މަޝްރޫޢު

  • މިމަސައްކަތްތައް ކުރުމަށް ދިރާސާތައް ހެދުމަށް ޗައިނާގެ ޓީމުތައް ރާއްޖެ އައިސްފައިވޭ

ޗައިނާގެ އެހީގައި ކުރިއަށްގެންދާ ބިޔަ 3 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ދާދި އަވަހަށް ފެށޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަކުރެއްވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 3 މަޝްރޫޢުއެއް ކުރިއަށް ގެންދަން ސަރުކާރުން ސޮއިކޮށްފައިވެއެވެ. އެއީ ވިލިމާލޭގައި އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް މަޝްރޫޢުއާއި، މާލެއާއި ވިލިމާލެ މަގު ރަނގަޅު ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން 50 ރަށެއްގައި ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫޢު އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވަނީ މިމަޝްރޫޢުތަކާއި ގުޅޭ އަދާހަމައެއް ދެއްވާފައެވެ. ސަފީރު ވިދާޅުވީ މިމަޝްރުޢޫތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާާއި ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

"ޗައިނާގެ ފުރިހަމަ އެހީއާއެކު ކުރިއަށްދާ 3 ބިޔަ މަޝްރޫޢޫ ކަމަށްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް، މާލެ އާއި ވިލިމާލެ މަގު ހެދުމުގެ މަޝްރޫޢު އަދި ކައުންސިލް 50 ކައުންސިލެއް އިމާރާތް ކުރުމުގެ މަޝްރޫޢު. މި ތިން މަޝްރޫޢުގެ މަސައްކަތް ވަރަށް ބޮޑަށް ވަނީ ކުރިއަށް ގެންދެވިފައި. އަދި ފަހަރަކު މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ދާދި އަވަހަށް ފެށޭނެ" ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވިއެވެ.

މީގެ ތެރެއިން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން އެންމެ އަވަހަށް ފަށާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024ވަނަ އަހަރު ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިމަސައްކަތް ޗައިނާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ ގޮތުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ. އޭގެ ފަހުން އެ މަސައްކަތުގެ ފީސިލިބިލިޓީ ނިންމައި މަސައްކަތް ފެށުމަށް މިހާރު ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.

ވިލިމާލޭގައި ޗައިނާ ސަރުކާރުގެ އެހީގައި ތަރައްޤީ ކުރަން ނިންމާފައިވަނީ 112 އެނދުގެ ހޮސްޕިޓަލެކެވެ. ވިލިމާލޭގައި ހޮސްޕިޓަލެއް ތަރައްޤީވެގެން ދިއުމާއެކު، ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ ހޮސްޕިޓަލަކަށް ވީއިރު ހޮސްޕިޓަލަށް ކިޔަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލެވެ.

މީގެ އިތުރުން ސަރުކާރުން ކުރިއަށްގެންދާ ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރެއިން 50 ކައުންސިލެއް ތަރައްޤީކުރުމަށް ކުރުމުގެ މަސައްކަތްވެސް ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ. މިމަސައްކަތް ކުރުމަށް ޗައިނާގެ ސާވޭ ޓީމެއް އައިސް ކުރަން ޖެހޭ ދިރާސާތައް ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

މި 3 މަޝްރޫޢުވެސް ނުހުއްޓި ބާރަށް ކުރިއަށްދާކަމަށް ޗައިނާ ސަފީރު ވިދާޅުވެފައިވާއިރު، މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށާނީ ވަކިވަކިންނެވެ.