ޚަބަރު

ފަހު ވަގުތު ޕީއެސްޖީ އިން ބާސެލޯނާ ބަލިކޮށްފި


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެއްޖެ އެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި ޕީއެސްޖީ އިން ވަނީ ބާސެލޯނާގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މެޗުގެ 19 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑްގެ އެސިސްޓަކުން ފެރާން ޓޮރޭޒް ވަނީ ލަނޑެއް ޖަހާ ބާސެލޯނާއަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް އުމުރުން 19 އަހަރުގެ ސެނީ މަޔޫލޫ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި ދެކޮޅަށް ބާސެލޯނާ ނިކުތްއިރު އެ ޓީމުގެ ކޯޗު ހެންސީ ފްލިކް ވަނީ އަނިޔާއަށްފަހު ލަމީން ޔަމާލް އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ. އަދި ރޮބަޓް ލެވަންޑޯސްކީގެ ބަދަލުގައި ފުރަތަމަ ޓީމުން ފުރުސަތު ދީފައިވަނީ މާކަސް ރަޝްފޯޑް އަށެވެ.

މި މެޗުން ޕީއެސްޖީ މޮޅުވި ލަނޑު މެޗުގެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަޝްރަފް ހަކީމީގެ ޕާހަކުން ގޮންޒާލޯ ރާމޯސް އެވެ.

މިދިޔަ ސީޒަނުގައި ތިން މުބާރާތް ކާމިޔާބުކޮށްފައިވާ ޕީއެސްޖީގެ ރާމޯސް ބުނެފައިވަނީ މި ސީޒަނުގައިވެސް ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ.

މި މެޗުގެ 90 ވަނަ މިނިޓުގައި ޕީއެސްޖީ އިން ޖެހި ލަނޑުން ބާސެލޯނާ ބަލިވެފައިވާއިރު މިއީ ޔޫރަޕްގެ މުބާރާތެއްގައި ފަހު ވަގުތު އިދިކޮޅު ޓީމަކުން ބާސެލޯނާ ކޮޅަށް ލަނޑެއް ޖަހާ އެ ޓީމު ބަލިކުރި ފުރަތަމަ ފަހަރެވެ.