ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރީސްގެ އޮލިމްޕިއާކޯސް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެ އެވެ.
މި މެޗަށް އާސެނަލް ނިކުތްއިރު އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވަނީ ލީގުގައި އެންމެ ފަހުން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗަށް ނިކުތް ޓީމަށް ހަ ބަދަލެއް ގެނެސްފަ އެވެ. އާސެނަލް އިން ވަނީ މިދިޔަ ޓްރާންސްފަރ ބާޒާރުގައި 250 މިލިއަން ޕައުންޑް ހޭދަކޮށް އަށް ކުޅުންތެރިއަކު އެ ޓީމަށް ގެނެސް ސްކޮޑު އިތުރަށް ވަރުގަދަ ކޮށްފަ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަންސާސް ހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ގެބްރިއެލް މާޓިނޭލީ ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ.
އާސެނަލް އިން ލަނޑު ޖަހާ ކުރި ހޯދި ފަހުން އޮލިމްޕިއާކޯސް އިން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން ޑެނިއަލް ޕޮޑެންސް ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަމަލައެއް ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.
އަދި އޭގެ ފަހުން އޮލިމްޕިއާކޯސްގެ ފްރެންސިސްކޯ ޗިކުއިނިއޯ އާސެނަލްގެ ކޮޅަށް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި މާޓިން އޮޑެގާޑްގެ އެސިސްޓަކުން ބުކަޔޯ ސަކާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފަ އެވެ.