ކްލަބް މޯލްޑިވްސް ކްލޭސިކް މުބާރާތުގެ ފައިނަލުން ހައުސް ފޮ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް (އެޗް.އެސް.ޕީ.އެން) އާއި ކްލަބް ބިނާރާ ޖާގަހޯދައިފިއެވެ.
އެޗްއެސްޕީއެން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ މިރޭ ކުޅުނު މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މާލެ ސިޓީ ކައުންސިލްގެ ޓީމް އެމްއެމްސީ 5-3 ބަލިކޮށްގެންނެވެ.
ސެމީފައިނަލް މެޗުގެ ފުރަތަމަ ހާފްގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ އެމްއެމްސީ އިންނެވެ. މި ލަނޑު ފުރަތަމަ ހާފްނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މުސަބްއެވެ.
ދެވަނަ ހާފްގައި ކުޅެން ނިކުމެ އެޗްއެސްޕީއެން އިން ވަނީ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ހަތަރު ލަނޑު ޖަހާ މެޗުގެ އޮއެވަރު އެއްކޮށް އަނބުރާލާފައެވެ. މިގޮތުން މެޗުގައި އެޗްއެސްޕީއެން ކާމިޔާބުކުރި ފުރަތަމަ ދެ ލަނޑު ޖަހައިދިނީ މުހައްމަދު ސޮލާޙްއެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ ރިލްވާން އާއި އިޝާންއެވެ.
އެޗްއެސްޕީއެންއިން 3 ލަނޑުގެ ލީޑެއް ނެގިތާ މާގިނަ އިރުތަކެއް ނުވަނީސް އެމްއެމްސީ އިން ވަނީ 30 ސިކުންތުގެ ތެރޭ ދެ ލަނޑު ޖަހާ ފަރަގު އެންމެ ލަނޑަކަށް ކުޑަކޮށްފައެވެ. އެމްއެމްސީ އިން ވަނީ މިމެޗުގައި ނަތީޖާ އަލުން އެއްވަރުކުރަން ގިނަ މަސައްކަތް ތަކެއް ކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
އެމްއެމްސީ ކުރިއަށްޖެހިގެން ގޯލެއް ޖަހަން މަސައްކަތްކުރަމުންދިޔަ ދަނޑިވަޅުގެ ފައިދާ ނަގާ އެޗްއެސްޕީއެންއިން ވަނީ މެޗުގެ ފަހުވަގުތު އިތުރުލަނޑެއް ޖަހާ ފަރަގު ދެ ލަނޑަށް އިތުރުކޮށްފައެވެ. މި ލަނޑު ޖަހައިދީ މެޗުގައި ހެޓްރިކް ފުރިހަމަކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ސޮލާޙްއެވެ.
ކްލަބް ބިނާރާ އާއި ކްރިމިނަލް ކޯޓް ބައްދަލުކުރި ސެމީފައިނަލްގެ ދެވަނަ މެޗު ބިނާރާ ކާމިޔާބުކުރީ 9-3 ނެވެ.
މިމެޗުގައި ފުރަތަމަ ލީޑް ނަގާ ކުރި ހޯދީވެސް ކްލަބް ބިނާރާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނައްސާޙް އިބްރާހިމް ނާސިރެވެ.
ކްރިމިނަލް ކޯޓުން ވަނީ ޝާއިފް އާއި ޔައިޝް ގާތް ގާތުގައި ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ކްރިމިނަލް ކޯޓުން ވަނީ ފަހަތުން އަރާ މެޗުގެ ލީޑު ނަގާފައެވެ. އެހެންނަމަވެސް ލީޑުގައި މާގިނަ ވަގުތު ކުޅެލުމުގެ ފުރުސަތު ކްރިމިނަލް ކޯޓަކަށް ނުލިބެއެވެ. އެއީ ކްލަބް ބިނާރާގެ މުހައްމަދު އަނޫފް ނާޝިދު ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަކޮށްލުމުންނެވެ.
2-2 އަކުން އެއްވަރު ވެގެން ފުރަތަމަ ހާފްގެ ކުޅުންނިމުނުއިރު މެޗުގެ ދެވަނަ ހާފް ފަށައިގެން ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ކްލަބް ބިނާރާއިން ވަނީ ލަނޑުޖަހާ މެޗުގައި އަލުން ލީޑު ނަގާފައެވެ. މި ދެލަނޑު ޖަހައިދިނީ އަނޫފް އާއި އަލީ އިރުފާދެވެ.
ދެ ލަނޑުގެ ލީޑު ނެގިތާ ދެ މިނެޓު ފަހުން ކްލަބް ބިނާރާގެ އިރުފާދު ވަނީ އޭނާގެ ދެވަނަ ލަނޑު މެޗުގައި ކާމިޔާބުކޮށް ލީޑު ތިން ލަނޑަށް ފުޅާކޮށްދީފައެވެ. ދެވަނަ ހާފްގެ ކުރީކޮޅު ޖެހި ތިންލަނޑާއެކު ބިނާރާ ވަނީ މެޗުގައި ހަމަޖެހިލާފައެވެ.
ބިނާރާއިން ވަނީ މެޗުގެ ފަހު 3 މިނެޓުގެ ތެރޭގައި އިތުރު 4 ލަނޑު ޖަހާ މެޗުގެ ފަރަގު ބޮޑުކޮށްލާފައެވެ.
ބިނާރާ ޓީމުން މެޗުގެ ފަހުކޮޅު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހަސަން ވިޝާލް ޓީމުގެ 6 ވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު އަނޫފް ވަނީ އޭނަގެ ހެޓްރިކް ފުރިހަމަކޮށް 7 ވަނަ ލަނޑު ޖަހާދީފައެވެ. 8 ވަނަ ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން ހުމެއިދު އަބްދުﷲއެވެ. އަދި 9 ވަނަ ލަނޑު ލިބުނު ދުރު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީވެސް ވިޝާލްއެވެ.
ކްރިމިނަލް ކޯޓުގެ 3 ވަނަ ލަނޑު މެޗު ނިމެން 20 ސިކުންތައް ވެފައިވަނިކޮށް ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ބިނާރާ ޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދިން އަލީ އަނޫފްއެވެ.