ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފުން ކުރިއަށްގެންދާ މިއޮޕަރޭޝަނަކީ، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާއި ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވުމާއި ގުޅިގެން ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވަމުން ދާތީ ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިއޮޕަރޭޝަންގައި ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކުރެވިފައި ވޭތޯ އެމްއެންޑީއެފުން ބަލަމުން ގެންދާނެއެވެ. އޭގެތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި، އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދަ މިއޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް ޗެކްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހެދިފައިވާ ކަނޑުމަތީގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅާނެއެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް އެމްއެންޑީއެފުންވަނީ ޝުކުރުއަދާކުރައްވާފައެވެ.