ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖެހިގެން ގޮސްފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަށް އަލިއަޅުއްވާފައެވެ. ޗައިނާގެ ސަފީރު ވިދާޅުވީ ދެ ޤައުމު ދެމެދު ޚާރިޖީ ގުޅުން ޤާއިމް ކުރެވުނުތާ 53 އަހަރު ވެގެން ދިޔައިރު މިގުޅުން ގިނަ ހަރުފަތްތަކެއް ގިރާކޮށްފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުން މިގުޅުން މިހާރު މުޅިން އައު ހަރުފަތަކަށް ޖެހިފައިވާ ކަމަށް ޗައިނާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށް ތާޢީދުކުރައްވާ ކަމަށާއި ދިވެހި އިޤްތިޞާދަށް ހަރުދަނާ ބަދަލުތަކެއް ރައީސް މަސައްކަތްޕުޅުން ގެންނަވަމުން ގެންދަވާ ކަމަށެވެ. މިއާއެކު ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނު ދެއްކުމަށް ލުއި ގޮތްތަކެއް ހޯދުމަށް ކުރެވުނު މަޝްވަރާތައް ކާމިޔާބު ވެފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
"އަޅުގަނޑު މިހާރު ފަޚުރުވެރިކަމާއި އެކު އިއުލާން ކުރަން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ދަރަންޏަށް ލުއި ގޮތްތަކެއް ހޯދައިދޭން ގޮތެއް ނިންމިފައިވާ ކަމަށް. މިކަންކަމުން ދައްކުވައިދެނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ މާލީ ހާލަތުގެ ދެމެހެއްޓެނިވިކަން ޤަބޫލުކޮށް، އެކަން އިސްލާހުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބަލައިގަނެފައިވާކަމާއި ދިވެހި އިޤްތިޞާދުގެ ޤާބިލްކަމަށް ޗައިނާ ސަރުކާރުން އޮތް އިތުބާރު." ސަފީރު ކޮންގް ޒިންހުއާ ވިދާޅުވިއެވެ.
ދަރަންޏަށް ލުއިގޮތްތަކަށް ހޯދުމަށް ގޮތްތަކެއް ނިމިފައިވާކަން އިއުލާން ކުރެއްވި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލު ސަފީރު ހާމައެއް ނުކުރައްވައެވެ.
ޗައިނާއިން ރައްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފައިދާތައް ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން ޔުއާން އެކައުންޓުތައް ތަޢާރަފްކުރުމަކީ ދެ ޤައުމުގެ ދެމެދު ކަރަންސީ ސެޓަލްމެންޓް ހެދުމަށް ލިބިގެން ދިޔަ ފަހި ފުރުސަތެއްކަން ސަފީރު ފާހަގަ ކުރެއްވިއެވެ.
ސަފީރުގެ ވާހަކައިގައި ވަނީ ޗައިނާއިން އަބަދުވެސް އިސްކަމެއް ދޭނީ، ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށްވެސް އެގޮތުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.