ޚަބަރު

އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފި


  • ލައިބްރަރީ ހުޅުވާފައި ހުންނަނީ ހެނދުނު 8:30 އިން ރޭގަނޑު 9:30 އަށް

  • ތަފާތު އެތައް މަޢުޟޫތަކެއްގެ ފޮތް ލައިބްރަރީގައި ހުރޭ

އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަދުން ފެށިގެން މިލައިބްރަރީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ރޭގަނޑު 9:30 އަށް ހުޅުވިފައި ހުންނާނެކަމަށެވެ.

ސަލްމާން މިސްކިތުގައި ހުޅުވާފައިވާ އިސްލާމިކް ކުތުބުޚާނާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ލައިބްރަރީއެވެ. މިތަނުގައި 10،000 އަށްވުރެ ގިނަ ފޮތް ހުރެއެވެ. އަދި އަދަބިއްޔާތާއި ފިޤުހާއި ސުންނަތާއި އިސްލާމީ ތާރީޚާއި އިސްލާމީ މާލިއްޔަތާއި ޙަދީޘްގެ ޢިލްމާ ގުޅުންހުރި ގިނަ އަދަދެއްގެ ފޮތްތައް މި ލައިބްރަރީން ހުރެއެވެ.

ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު މިސްކިތް، ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ މިލައިބްރަރީ ހުންނަނީ އެ މިސްކިތުގެ ތިންވަނަ ފަންގިފިލާގައެވެ. މި ލައިބްރަރީ ކުރިން ހުޅުވާފައި ހުންނަނީ ހެނދުނު 9:00އިން މެންދުރުފަހު 02:00 އާ ހަމައަށެވެ. ނަމަވެސް މިއަދުން ފެށިގެން އިސްލާމިކް ލައިބްރަރީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ރޭގަނޑު 9:30 އަށް ހުޅުވިފައި ހުންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި އިސްލާމީ ލައިބްރަރީގައި 4 ބަހަކުން ފޮތް ލިބެން ހުރެއެވެ. އެއީ ދިވެހިބަހާއި އިނގިރޭސިބަހާއި ޢަރަބި ބަހާއި ޢުރުދޫ ބަހުންނެވެ. މީގެ އިތުރުން ތަފާތު އެތައް މަޢުޟޫތަކެއްގެ ފޮތް މިތަނުގައި ހުރެއެވެ. އޭގެތެރޭގައި މަޝްހޫރު ޙަދީޘް ޢިލްމުވެރިންގެ ފޮތްތަކާއި، ފިޤުހާއި އުސޫލް ފިޤުހާއި، އިސްލާމީ ތާރީޚާއި، ތަފްސީރު ޢިލްމާ ބެހޭ ފޮތްތައް ހިމެނެއެވެ.

މި ލައިބްރަރީގައި އޮންލައިންކޮށްވެސް ފޮތް ކިޔޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އީ-ލައިބްރަރީއަށް ވަނުމަށްފަހު އެކި މަޢުޟޫތަކުން ބޭނުން ފޮތެއް ކިިޔާލެވެއެވެ. އީ-ލައިބްރަރީގައިވެސް ގިނަ ދާއިރާތަކެއްގެ އީ-ފޮތް ކިޔެން ހުރެއެވެ.