ޚަބަރު

އެމްބާޕޭގެ ހެޓްރިކާއެކު ރެއާލް މެޑްރިޑް މޮޅުވެއްޖެ


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކަޒަކިސްތާންގެ ކައިރާޓް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ކަޒަކިސްތާނުގެ އަލްމަޓީގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑް އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު މި މެޗުގައި ކިލިއަން އެމްބާޕޭ ވަނީ ހެޓްރިކް ހަދާފަ އެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 25 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެއީ ރެއާލް މެޑްރިޑަށް ލިބުނު ކޯނަރެއް ސާފު ކުރަން އުޅުމުގެ ތެރޭގައި އޭރިޔާ ބޭރުން ކައިރާޓްގެ ކީޕަރު ފްރެންކޯ މަސްޓަންޓުއޯނޯ އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އަދި މެޗުގެ 73 ވަނަ މިނިޓުގައި އާޑާ ގުލާގެ އެސިސްޓަކުން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ. މި މެޗުގައި އެމްބާޕޭ ޖެހި ތިން ލަނޑާއެކު އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 60 ލަނޑަށް އަރާފަ އެވެ.

މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި އެޑުއާޑޯ ކަމަވިންގާ އެ ޓީމަށް ކާމިޔާބުކޮށްދިންއިރު ފަސްވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ބްރާހިމް ޑިއާޒް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ޝަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރެއާލް މެޑްރިޑް އިން މި މެޗުގައި 5 ލަނޑު ޖަހާފައިވާއިރު މިއީ އަންނަ ހަފްތާގައި ލަލީގާގެ ކުޅުމަށް އަނބުރާ އެ ޓީމު ނިކުންނައިރު މި ހަފްތާގައި އެތްލެޓިކޯ މެޑްރިޑް އަތުން 5-2 ގެ ނަތީޖާއަކުން ބަލިވެފައިވާތީ އެ ޓީމަށް ލިބުނު ރަގަޅު ނަތީޖާ އެކެވެ.