ޚަބަރު

ކްލަބް މޯލްޑިވްސް ކަޕް: ވެމްކޯ އެއްވަރުވިއިރު އެމްޕީއެލް ފުރަތަމަ މެޗު ކާމިޔާބުކޮށްފި


މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަނުން ކްލަބް ވެމްކޯއިން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ.

އެންމެ ފަހުން ދެއަހަރުގެ ޗެމްޕިއަނުން ވެމްކޯ އާއި ދެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ބޭންކް އޮފް ވޯލްޑިވްސް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ އެއްޓީމަކަށްވެސް ގޯލެއް ކާމިޔާބުނުކުރެވިއެވެ.

ދެ ޓީމަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ބީއެމްއެލްގެ ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު)އެވެ. މިފަހަރުގެ މުބާރާތައް ބީއެމްއެލްގެ ޓީމަށް ގިނަ ބަދަލުތަކެއް އައިސްފައިވާއިރު ޓީމު ބިނާވެފައިވަނީ ހުނަރުވެރި އަރަމުންއަންނަ ޒުވާންކުޅުންތެރިންތަކެއްގެ މައްޗަށެވެ.

ގްރޫޕް އެފްގެ މިމެޗުގައި ކްލަބް ވެމްކޯގެ ތަޖްރިބާހުރި ގިނަ ކުޅުންތެރިންތައް ފެނިގެންދިޔައިރު ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ޖުނައިދު މެޗުގައި ބައިވެރިވެފައެއް ނުވެއެވެ. އެއީ ފުރަތަމަ ޑިވިޝަންގައި ބުރު ސްޕޯޓްސް ކްލަބްގެ މެޗު އެއްވަގުތެއްގައި އޮތުމުން އެމެޗަށް އިސްކަން ދިނުމުގެ ގޮތުންނެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި މިރޭ ގްރޫޕް އީގައި އެމްޕީއެލް އާއި ދިރާގު ބައްދަލުކުރި މެޗު އެމްޕީއެލްއިން ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިން އެޓީމުގެ ބިދޭސީ ކުޅުންތެރިއާ ސަމަން ދަޝަންއެވެ.

ގްރޫޕް އީގައި ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައަށް ޖެހިލާފައިވަނީ ޕޮލިސް ކްލަބެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ބައްދަލުކުރި މިމެޗު ޕޮލިސް ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޕޮލިސް ކްލަބްގެ ހުސެއިން އަފްޚާންއެވެ.

ގްރޫޕް އެފްގައި މިރޭ ކުޅުނު ދެވަނަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ކްލަބް ޓީޓީއެސް ވަނީ މިގްރޫޕްގެ ކުރިއަށް އަރާފައެވެ. ގޭސް ރެކްރިއޭޝަން ކްލަބާއި ބައްދަލުކުރި މެޗު ޓޯޓަލް ޓްރާންސްޕޯޓް ސޮލޫޝަންސް - ޓީޓީއެސް ކާމިޔާބުކުރީ 7 - 1 ނެވެ.

ބިދޭސީ ދެ ކުޅުންތެރިންނާއި ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީޓީއެސް ކުޅުނު ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އެޓީމުގެ ބިދޭސީ ފޯވާޑް މުހައްމަދުރިޒާ ރަޙްމާނިއާއެވެ.