ޚަބަރު

ޓީސީ ބަލިކޮށް ޔޫވީން ފުރަތަމަ މޮޅު ހޯދައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މެޗު ޔޫވީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗާ ކުރިމަތިލިއިރު ދެ ޓީމުންވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފައެވެ. އެހެންކަމުން ލީގު މެދުކެނޑުމުގެ ކުރިން މި މެޗުން މޮޅުވުމުގެ މުހިންމުކަން ދެ ޓީމަށްވެސް ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް ޔޫވީގެ ކޯޗު ވަނީ އެންމެ ފަހުން ނިއު ރޭޑިއަންޓާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗަށްފަހު މިއީ މޮޅުވާން މަޖުބޫރު މެޗެއް ގޮތުގައި ސިފަކޮށްފައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް މާ ރަނގަޅު އެޓޭކުތަކެއް އުފެއްދިފައެއް ނުވެއެވެ. އެހެންނަމަވެސް މި ހާފުގެ އެންމެ ފަހު މިނެޓުގައި ޔޫވީގެ ޑިފެންސުން ސާފުނުކޮށްލެވިގެން އުޅެނު ބޯޅަ ޓީސީގެ އަޙްމަދު ރިލްވާނަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔައީ މުޅިން ތަފާތު ޔޫވީއެކެވެ. ދެވަނަ ހާފުގެ 10 މިނެޓު ތެރޭގައި ޔޫވީގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅެން އެރި ޒުވާން ކުޅުންތެރިޔާ ހުސެއިން ސުހާދު ސުހާންގެ ހެޓްރިކާއެކު މެޗުގެ އޮއިވަރު ޔޫވީން ބަދަލުކޮށްލިއެވެ. މިއީ ސުހާދު ޔޫވީގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅުނު ދެވަނަ މެޗެވެ.

ޔޫވީން ނަތިޖާ އެއްވަރުކުރީ 48 ވަނަ މިނެޓުގައި އޭރިއާ ބޭރުން ޔޫވީގެ ޝަނާން ރަޝާދު ފޮނުވާލި ބޯޅައެއް ޓީސީގެ ކީޕަރު ދިފާއުކުރުމުން، ރީބައުންސްވެގެން އައަމުން އޭރިއާ ތެރޭގައި ހުރެފައި ސުހާދު ކާމިޔާބުކުރި ލަނޑުންނެވެ.

އަދި ޔޫވީން ލީޑު ނެގީ މެޗުގެ 52 ވަނަ މިނިޓުގައި މިސްރުގެ ފޯވާޑް މުސްތަފާ މަހުމޫދު އޭރިއާ ތެރެއިން ގޯލަށް ފޮނުވާލި ބާރު ހަމަލާ ދަނޑިއަށް އަމާޒުވުމުން، ގޯލު އޭރިއާ ރޮނގު ކައިރީގައި ހުރި ސުހާދު ގައިގައި ޖެހިފަ ގޯލަށް ވަން ބޯޅައެކުންއެވެ.

އޭގެ އިރުކޮޅެއްފަހުން ސުހާދު އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 58 ވަނަ މިނެޓުގައި އޭނާގެ އަމިއްލަ ހުނާރާއެކު ހާފުގެ މެދުތެރެއިން ހޯދި ބަޅައެއް ވަރަށް ރީއްޗަށް ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑަކުންނެވެ. މި މެޗުގައި ޔުވީން ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 84 ވަނަ މިނެޓުގައި އޭރިއާ ބޭރުން ލިބުނު ހެލޭޖެހުމަކުން ބަދަލަކަށް ކުޅެން ނުކުތް އިޝްއާފް މުޙައްމަދު ފިރާގެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ޔޫވީން ވަނީ ލީގުގެ ފަސްވަނައަށް ޖެހިލާފައެވެ.