ޚަބަރު

އޯގަސްޓް މަހު 11،000 އަށްވުރެ ގިނަ ވޯކް ވިސާ ދޫކޮށް، ވިސާއާ ޚިލާފުވި 87 މީހަކު ޑީޕޯޓްކޮށްފި


  • ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން އަންނަނީ މަސައްކަތް ކުރަމުން

  • ތަފާތު އެކި ބާވަތްތަކުގެ ވިސާ އިމިގްރޭޝަނުން ދޫކުރޭ

މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 11،000 އަށްވުރެ ގިނަ ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ ވޯކް ވިސާގައެވެ. ރާއްޖެއަށް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ގެންނައިރު މިދިޔަ އޯގަސްޓް މަހު 11،651 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. އެ މުއައްސަސާއިން ނެރުނު ހިސާބުތަކުން ދައްކާގޮތުގައި ގިނަ ވޯކް ވިސާ ދޫކޮށްފައިވަނީ މާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީހުންނެވެ. އެއީ 11،320 ވިސާއެވެ.

ރާައްޖޭގެ އެކި ސަރަހައްދުތަކުގައި އިމިގްރޭޝަންގެ އޮފީސްތައް ގާއިމުކުރަމުންދާއިރު އެ އޮފީސްތަކުންވެސް ވިސާ ދޫކުރެއެވެ. އެގޮތުން އޯގަސްޓް މަހު ރީޖަނަލް އޮފީސްތަކުން 331 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވޯކް ވިސާގެ އިތުރުންވެސް ތަފާތު އެކި ބާވަތްތަކުގެ ވިސާ އިމިގްރޭޝަނުން ދޫކުރެއެވެ. އެގޮތުން، މިދިޔަ އޯގަސްޓް މަހު ވިޔަފާރި ވިސާ 1،150 މީހަކަށް ދޫކޮށްފައިވާއިރު ޑިޕެންޑެންޓް ވިސާ 287 މީހަކަށް، ޚާއްސަ ވިސާ 140 މީހަކަށް، ސްޓޫޑެންޓް ވިސާ 31 މީހަކަށް، ސްޕޮންސަރޝިޕް ޑެކްލަރޭޝަން ވިސާ 398 މީހަކަށް އަދި އެހެނިހެން ބާވަތްތަކުގެ ވިސާ 684 މީހަކަށް ވަނީ ދޫކޮށްފައެވެ.

ރާއްޖޭގައި ދޫކޮށްފައިވާ ވިސާއާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދުވެސް ގިނައެވެ. އެ ބިދޭސީން ދެނެގަތުމަށްވެސް އިމިގްރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 25 ތަނެއް ބަލައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި 26 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޯގަސްޓް މަހު 129 ބިދޭސީން ވަނީ އެކި ސަބަބުތަކާހުރެ ޑީޕޯޓްކޮށްފައެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވެފައިވާ 14 ބިދޭސީންނާއި އެކި ކުށްތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 28 ބިދޭސީންނާއި ވިސާއާ ޚިލާފުވި 87 ބިދޭސީއަކު ހިމެނެއެވެ.

ޑީޕޯޓް ކުރުމުގެ އިތުރުން ތަފާތު އެކި ސަބަބުތަކާހުރެ އަމިއްލަ ޤައުމަށް ދާން ބޭނުންވެފައިތިބި ބިދޭސީންވެސް ވަނީ އެ ޤައުމުތަކަށް ފޮނުވާލާފައެވެ. އެގޮތުން އޯގަސްޓް މަހު، ސިއްޙީ ސަބަބުތަކާހުރެ 28 މީހަކު ޤައުމަށް ފޮނުވާލާފައިވާއިރު އަމިއްލައަށް އެދިގެން 282 ބިދޭސީން އެ މީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކި މުއައްސަސާތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދާ ޚިލާފަށް އުޅޭކަން ފާހަގަކުރެވޭ ބިދޭސީން ޑީޕޯޓް ކުރުމާއި ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތުވެސް ދަނީ ދެމުންނެވެ.