ބިދޭސީންގެ ތެރެއިން "އޯޕަން ވިޒާ"ގެ ނަމުގައި ރާއްޖެ އެތެރެވި މަސައްކަތް ނޫން މަސައްކަތް ކުރަމުންދާ މީހުން ފާހަގަވަމުންދާކަމަށާއި އެފަދަ ފަރާތްތައް ޑީޕޯޓުކުރާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. "އޯޕަން ވިޒާ"ގެ ނަމުގައި ރާއްޖޭގައި ބިދޭސީން ހަރަކާތްތެރިވަމުންދަނީ ބައެއް ދިވެހީންގެ އެހީތެރިކަމާއެކުގައިކަން އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.
ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރަމުންދާކަމުގެ ކަންބޮޑުވުންވަނީ ބޮޑުވެފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރި ދެންނެވުމެއްގައި ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަންގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ، "އޯޕަން ވިޒާ"ގެ ނަމުގައި ރާއްޖެ އަންނަ މަސައްކަތް ނޫން އެހެން މަސައްކަތްތަކުގައި އުޅެމުންދާ ބިދޭސީންގެ މައްސަލަތައްކަމަށެވެ. އެގޮތުން ދިވެހީންގެ ނަމުގައި ވިޔަފާރި އޮތްނަމަވެސް އެކަމުގެ މާލީ ފައިދާ ނަގަމުންދަނީ ބިދޭސީންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެގޮތަށް ހަރަކާތްތެރިވަމުންދާ ބިދޭސީން ހޯދާ ރާއްޖެއިން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
ދިވެހީންގެ އެހީތެރިކަމާއެކު ރާއްޖޭގައި ޤާނޫނާ ޚިލާފަށް ހިންގަމުންދާ މިފަދަ ވިޔަފާރި މުޢާމަލާތްތަކުގައި ޝާމިލުވާ ދިވެހީންނާމެދުވެސް ކުރިއަށް އޮތްތަނުގައި ޤާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުންދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ރާއްޖޭގައި ގަވާއިދާހިލާފަށް އުޅޭ ބިދޭސީން، 'އޯޕަން ވީޒާ'ގެ ނަމުގައި އެމީހުނަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާތީ ދަންނަވަން.
— Maldives Immigration (@ImmigrationMV) September 29, 2025
އިތުރަށް ވިދާޅުވުމަށް: https://t.co/6CxWsPHrLE pic.twitter.com/SW6wByAWIn
އިމިގްރޭޝަނުން ވިދާޅުވީ، 'އޯޕަން ވިޒާ' ގެ ނަމުގައި ރާއްޖޭގައި ބިދޭސީން މަސައްކަތްކުރުމަކީ ޤާނޫނީގޮތުން ހުއްދަ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ރާއްޖެއަށް ބިދޭސީން އެކި މަސައްކަތްތަކުގައި އެތެރެކުރާ ދިވެހީން، އެމީހުން ރާއްޖެއަށް ގެންނަ މަސައްކަތް ނޫން މަސައްކަތްތައް ކުރުވުމަށް އެމީހުން ނުފޮނުވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
ބިދޭސީން ރާއްޖޭގެ ވިޔަފާރިތަކުގެ ތެރޭގައި ޝާމިލުވުމުގެ ސަބަބުން އިޤްތިޞާދީގޮތުން ބޮޑެތި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. މިގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި، ދިވެހީންގެ އެކި ވިޔަފާރިތައް ލީޑުކުރުން ފަދަ ކަންކަން ހިމެނެއެވެ.
ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ސަބަބުން އިޤްތިޞާދަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް، ސަރުކާރުންދަނީ ބޮޑެތި ފިޔަވަޅުތައް އަޅުއްވަމުންނެވެ. މިގޮތުން ދިވެހީންނަށް ނޫންގޮތަކަށް ނުކުރެވޭނެ ބައެއް މަސައްކަތްތައް މިހާރުވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ބިދޭސީންނާއި ގުޅުންހުރި ފީތައް ނުދައްކާ މީހުންނަށް އެކްސްޕެޓް ސިސްޓަމް މެދުވެރުކޮށް ދެމުންދާ ޚިދުމަތްތަކުން ސަސްޕެންޑުކުރުމާއި، ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކާމެދު ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.