ކުލަބު ގްރީން ސްޓްރީޓްސްއިން މަސައްކަތްކުރަމުން އަންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅުކުރުމަށް ކަމަށާއި، ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވެސް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށް އެ ކުލަބުގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ.
މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާރޭ ކުލަބު އީގަލްސްއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ނިސްތާރު ބުނީ އެހެން ޓީމުތައް ފަދައިން ގްރީން ސްޓްރީޓްސްއިންވެސް ކުރަމުންދާ އުންމީދަކީ އެއް މެޗަށްވުރެ އަނެއް މެޗުގެ ކުޅުން ރަނގަޅުކޮށް ރަނގަޅު ކާމިޔާބީއެއް ހޯދުންކަމަށެވެ.
"އެއީ އުންމީދަކީ، އަޅުގަނޑަށް ހީވަނީ ކޮންމެ ޓީމެއްވެސް ކޮންމެ ކޯޗެއްވެސް ހަމަ އެހެން ކަންނޭނގެ ބުނާނީ. މެޗަކަށްފަހު މެޗެއް އިންޝާﷲ ރަނގަޅުވާނެ. އެހެންވީމަ ގްރީންވެސް އެގޮތުން ތަފާތެއްނުވާނެ. އަޅުގަނޑަކީ ވަރަށް އަޅުގަނޑުގެ ތިބި ޕްލެޔާރސްއަށް އިތުބާރުކުރާ މީހެއް. އެހެންވީމަ އަޅުގަނޑަށް ހަމަ އެންމެ ރަނގަޅު ސްކޮޑު އަޅުގަނޑު ބޭނުންވާ ސްކޮޑު ހަމަ. އިންޝާﷲ ރަނގަޅުވާނެ" ނިސްތާރު ބުންޏެވެ.
މިމުބާރާތުގައި މިހާތަނަށް ގްރީން ސްޓްރީޓްއިން ދެ މެޗު ކުޅެ ބަލިވެފަވާއިރު، މިވަގުތު މިޓީމު އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ ހަތްވަނައިގައެވެ. އެހެންނަމަވެސް ގްރީން ސްޓްރީޓްއިން ފަހަތަށް ޖެހުމެއްނެތި މަސައްކަތްކުރާނީ މިސީޒަނުގެ ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނުމަށްކަމަށްވެސް ނިސްތާރު ފާހަގަކުރިއެވެ. ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވެސް އިތުބާރު އެބައޮތްކަމަށާއި އަޒުމަށް ވާސިލުވުމަށް ގަދަ އަޅާ މަސައްކަތްކުރަމުންދާކަމަށް ކޯޗު ބުނެފަވެއެވެ.
"ގްރީންގެ ސީޒަނުގެ ޓާގެޓަކީ ޓޮޕް ސިކްސްގަ އިނުން. އިންޝާﷲ އަޅުގަނޑުމެން އޭތި އެޗީވްކުރާނަން" ނިސްތާރު ބުންޏެވެ.
މާދަމާރޭ އީގަލްސްއާއި ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް މުހިންމު މެޗެއްކަމަށާއި ނިމިދިޔަ ދެ މެޗުގެ ނަތީޖާ ދަށްވުމުގެ ސަބަބުން މިމެޗުން މޮޅުވުމަށް އޮތް ޕްރެޝަރު ބޮޑުކަމަށް ނިސްތާރު ބުނެފަވެއެވެ. ލިބުނު ވަގުތުކޮޅުގެ ބޭނުން ހިފާ މުބާރާތުގެ ކޮންމެ މެޗަކަށްވެސް ފޯރިއާއެކު ތައްޔާރުވަމުން އަންނަކަމަށް އޭނާވަނީ ބުނެފައެވެ.
"ހަމަ ވަރަށް މުހިންމެ މެޗެއް އަޅުގަނޑުމެންނަށް. ތި ވިދާޅުވިހެން ފުރަތަމަ ދެމެޗުން ޕޮއިންތްސް ނުލިބި އިނީމަ، އެއީ ހަމަ އިތުރު ޕްރެޝަރެއް. ދެން އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ދައްކަން ބޭނުން ވާހަކައެއްނޫން އެއީ ޓައިމް ނުލިބުނޭ ޕްރިޕަރޭޝަންއަށް. އެއީ ހަމަ އަޅުގަނޑަށް ހީވަނީ ހުރިހާ ޓީމަކަށްވެސް އޭތި އައި ކަންނޭނގެ. އެހެންވީމަ އެވާހަކަ މުހިންމެއް ނޫން. އެއަށްވުރެ ހަމަ ކުރިއަށް އޮތް މެޗަށް ތައްޔާރުވުން މުހިންމީ" ނިސްތާރު ބުންޏެވެ.
ފާއިތުވެ ދިޔަ ދުވަސްތަކުގައި ގްރީން ސްޓްރީޓްސްއަށް ދިމާވި އެކި ގޮންޖެހުންތައް ގިރާކޮށް މިހާރު މަސައްކަތްކުރަމުންދަނީ ސްކޮޑު ވަރުގަދަކޮށް ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށްކަމަށް ނިސްތާރު ފާހަގަކުރިއެވެ.
ގްރީން ސްޓްރީޓްސްއަށް އައި މާލީ ދަތިކަމުގައި ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ޓީމާއި ވަކިވުމަކީ ލިބުނު ދެރައެއްކަމަށާއި އެހެންނަމަވެސް މިހާރު ޓީމުގައި ތިބި ކޮންމެ ކުޅުންތެރިއަކަށްވެސް ފުރިހަމައަށް އިތުބާރުކުރާކަމަށް ކޯޗު ބުންޏެވެ. މީގެ އިތުރުން ޓީމާއި އަލަށް ގުޅިފައިވާ ޒުވާންކުޅުންތެރިންނަކީވެސް މޮޅެތި ކުޅުންތެރިންކަމަށާއި، މި ސްކޮޑާއެކު އޭނާ ހުރީ ހިތްހަމަޖެހިގެންކަމަށް ނިސްތާރު ބުނެފަވެއެވެ.
"ގްރީންއަށް އައިއިރުވެސް ހަމަ ދެކެވުނު ވާހަކައެއް އެއީ އަޅުގަނޑަށް ހީވަނީ އަޅުގަނޑަށްވުރެ ކުރިންވެސް ގްރީން ސްޓްރީޓްސްއިން އަސްލު ބޭނުންވެގެން ވާހަކަދެއްކި ކަންނޭނގެ އޮގީ، ޗޯޓޫ މިކަހަލަ ގްރޫޕެއް. ދެން އެހެންވީމަ އެއީ ހަމަ ކުލަބަށް ވަރަށް ބޮޑު އެޑްވާންޓޭޖެއް. އެހެންނަމަވެސް އައި ފައިނޭންޝަލް ޗެލެންޖެސްއާއި ހެދި ބައެއް ޕްލެޔާސް ދިޔައީ. އެހެންވީމަ ހަމަ ދެންމެ ދެންނެވިހެން އަޅުގަނޑަށް ވަރަށް އިތުބާރުކުރެވޭ ޕްލެޔާސް، ދެން މިފަހުން ޖޮއިންކުރި ކުދިންވެސް ހަމަ ވަރަށް ރަނގަޅަށް އެބަ އިންޓެގްރޭޓްވޭ ކަންނޭނގެ ޓީމަށް" ގްރީން ސްޓްރީޓްސްގެ ސްކޮޑާއި ގުޅޭގޮތުން ނިސްތާރު ބުނެފަވެއެވެ.
މިމުބާރާތުގައި މިހާތަނަށް ގްރީން ސްޓްރީޓްސްއަށް އެއްވެސް މެޗެއް ކާމިޔާބުކޮށް ޕޮއިންޓެއް ހޯދިފަނުވާއިރު، އީގަލްސްއިންވަނީ ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން ބަލިވެ، އަނެއް މެޗު އެއްވަރުކޮށް މިހާތަނަށް ޕޮއިންޓެއް ކަށަވަރުކޮށްފައެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާރޭ ގްރީން ސްޓްރީޓްސްއާއި އީގަލްސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 09:00 ގައި ރަސްމީ ދަނޑުގައެވެ.