ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން އެ ކްލަބު ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
ޑޭވިޑް މޯޔެސްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އެވަޓަން އިން ވަނީ މެޗުގެ 15 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މައިކަލް ކީން އެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
ވެސްޓް ހޭމް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި ޖެރޮޑް ބޮވެން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.
މި މެޗު އެއްވަރުވެ އެވަޓަން އަށް ލިބުނު ޕޮއިންޓާއެކު އެ ޓީމު ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައަށް ޖެހިލާފަ އެވެ. ވެސްޓް ހޭމް އަށް ހަ މެޗުން ލިބިފައިވާ 4 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 19 ވަނައިގަ އެވެ.