މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި އޭނާގެ ދަށުން އެ ކްލަބަށް ރަގަޅު ނަތީޖާއެއް ހޯދިދާނެކަމަށް ދެން ގަބޫލު ނުކުރާ ކަމަށް ވޭން ރޫނީ ބުނެފި އެވެ.
ބީބީސީ އިން ގެނެސްދޭ ދަ ވޭން ރޫނީ ޝޯ ގައި ވާހަކަ ދައްކަމުން މެންޗެސްޓަރ ޔުނައިޓެޑަށް ރެކޯޑް އަދަދަކަށް ލަނޑު ޖަހައިދީފައިވާ ވޭން ރޫނީ ބުނެފައިވަނީ އެ ކްލަބު މިހާރު އޮތީ އެއްވެސް ރޫހެއް ނެތި ކަމަށާއި އަދި މެޗުތަކަށް ދަނީވެސް ބަލިވާނެކަން ކުރިންވެސް ގަބޫލުކުކޮށްގެން ކަމަށެވެ.
"މެންޗެސްޓަރ ޔުނައިޓެޑްގެ ފަރާތުން އަހަރެންނަށް އަލުން އަނބުރީ އެ ޓީމުގެ ރޫހު ބަދަލުކުރެވޭނެ އެއްވެސް ޕޮޒިޓިވް ކަމެއް ނުފެނޭ." ރޫނީ ބުންޏެވެ.
މެންޗެސްޓަރ ޔުނައިޓެޑްގައި ހޭދަކުރި 13 އަހަރުގެ ތެރޭގައި ފަސް ފަހަރު މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ ވޭން ރޫނީ އިތުރަށް ބުނެފައިވަނީ އެ ކްލަބުގައި ތިބި ބައެއް ކުޅުންތެރިންނަކީ ޔުނައިޓެޑްގެ ޖާޒީ ލާން އެކަށީގެންނުވާ ކުޅުންތެރިން ކަމަށެވެ.
"މި ކްލަބުގައި ތިބި ބައެއް ކުޅުންތެރިންނަކީ އެ ޖާޒީ ލާންވެސް އެކަށީގެންވާ ކުޅުންތެރިންނެއް ނޫން. އެ ކްލަބަށް އައު އިންޖީނެއް އެބަ ބޭނުންވޭ އަދި ސަޕޯޓަރުން އެތިބި މިކަމުން އަރައިގަނެވޭނެ ވަގުތެއްގެ އިންތިޒާރުގައި." ރޫނީ އިތުރަށް ބުންޏެވެ.
ބްރެންޓްފޯޑް އަތުން ޕްރިމިއާ ލީގުގައި މި ހަފްތާގައި 3-1 ގެ ނަތީޖާއަކުން ބަލިވި މެޗާއިއެކު އަމޮރިމްގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު 33 މެޗުން އެޓީމަށް ލިބިފައިވަނީ 34 ޕޮއިންޓެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި މިހާރު ފެންނަ ކަންތައްތަކަށް ބަލާއިރު އެ ކްލަބަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ. އަދި އެއީ ކޯޗު ނުވަތަ ކުޅުންތެރިން ބަދަލުކުރަން ޖެހުނު ނަމަވެސް އެކަން ކޮށްގެން ނޫނީ ކްލަބަށް ރަގަޅު ނަތީޖާ ތަކަކާއި ދިމާއަށް ދެވޭނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން." ރޫނީ ބުންޏެވެ.
މިދިޔަ ސީޒަނުގައި ތާވަލުގެ 15 ވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް ނިންމާލާފައިވާއިރު މިއީ 74-1973 ވަނަ އަހަރުގެ ސީޒަނުގައި އެ ކްލަބު ޕްރިމިއާ ލީގުން ރެލިގޭޓް ވި ފަހުން އެ ޓީމަށް ލިބިފައިވާ އެންމެ ދަށް ނަތީޖާ އެވެ.