ކުލަބު މޯލްޑިވްސް ކަޕް 2025 ގައި މިރޭ ކުޅުނު މެޗުތަކުން ކުލަބު އެޗްޑީސީ، މޯލްޑިވިއަން އަދި ފެނަކަ ރެކްރިއޭޝަން ކުލަބު މޮޅުވެއްޖެއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކުލަބު މޯލްޑިވްސް ކަޕުގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ގްރޫޕް ސީގައި ހިމެނޭ އެޗްޑީސީ މޮޅުވީ ސްޓެލްކޯ ރެކްރިއޭޝަން ކުލަބު އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ، ލެޖެންޑަރީ ފުޓްސަލް ތަރި ޕޯޗުގަލްގެ ރިކާޑީނިއޯ ވަނީ އެޗްޑީސީއަށް ކުޅެފައެވެ.
ގްރޫޕް ސީގައި ދެން ހިމެނެނީ އެމްޓީސީސީއެވެ. އަދި މި ގްރޫޕުގައި އުރީދޫ މޯލްޑިވްސް މީގެ ކުރިން ހިމެނުނު ނަމަވެސް، އެ ޓީމުން ވަނީ ގުރުއަތުލުން ބޭއްވި ފަހުން މުބާރާތުން ވަކިވެފައެވެ. އެއާއެކު ކުލަބު މޯލްޑިވްސްއިން ވަނީ ގުރުއަތުލުމަށްފަހު މުބާރާތަކުން ނަން ނަގާ ޓީމަކަށް ހަރުކަށި އަދަބެއް ދޭން ނިންމާފައެވެ. އެގޮތުން މުބާރާތުގެ ގުރުއަތުލުމަށްފަހު ޓީމެއް މުބާރާތުން ވަކިވެއްޖެނަމަ، ޖޫރިމަނާކުރުމުގެ އިތުރުން ދެ އަހަރަށް ސަސްޕެންޑް ކުރުމަށާއި، އެ މުއްދަތުގެ ތެރޭގައި އެ އޮފީހަކަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއަކަށް އެހެން ޓީމަކަށް މުބާރާތް ނުކުޅެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތުގެ ގްރޫޕް ޑީގައި ހިމެނޭ މޯލްޑވިއަން އިން ވަނީ މިރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން އެފްއެސްއެމް ބަލިކޮށްފައެވެ. އަދި މި ގްރޫޕުގައި ހިމެނޭ ފެނަކައިން ވަނީ 2-0 ގެ ނަތީޖާއަކުން ޕްރިޒަން ކުލަބު އަތުން މޮޅުވެފައެވެ.
މި މުބާރާތުގައި މާދަމާރޭ ކުރިއަށްދާނީ ގްރޫޕް އީ އާއި ގްރޫޕް އެފްގެ މެޗުތަކެވެ.