ޚަބަރު

އެއްދުވަސްތެރޭގައި ރ.އަތޮޅު 9 ރަށުގައި އޭޓީއެމް ޚިދުމަތް ފަށައި މުޅި އަތޮޅު ބޭންކިން ނިޒާމު ތެރެއަށް


  • ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށުގެ ތެރެއިން މިއަދު ވަނީ 9 ރަށުގައި އޭޓީއެމް ބަހައްޓާފައި

އެއްދުވަސް ތެރޭ މާޅޮސްމަޑުލު އުތުރުބުރީގެ 9 ރަށެއްގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށުގެ ތެރެއިން މިއަދު ވަނީ 9 ރަށުގައި އޭޓީއެމް ބަހައްޓާފައެވެ. މި ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. ކޮންމެ ރަށެއްގައި ވަކިވަކިން ކުރިއަށް ގެންދިޔަ މިރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، އެރަށްރަށުގެ ކައުންސިލްގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލްތަކާއި ހަވާލުކޮށްދެއްވާފައެވެ.

ރ. އަތޮޅަށް ބޭންކިން ޚިދުމަތް ފުޅާކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއތޮޅު އަލިފުށީގައިވަނީ ބޭންކުގެ ބްރާންޗެއްގެ ބިންގާވެސް މިއަދު އަޅާފައެވެ. ބިންގާ އަޅުއްވައި ދެއްވީވެސް ވަޒީރު އާދަމް ޝަރީފް އުމަރެވެ.

ރ. އަތޮޅުގައި އޭޓީއެމް ޚިދުމަތް އަލަށް ފެށި ރަށްރަށް

* ވާދޫ
* ރަސްގެތީމު
* އަނގޮޅިތީމު
* ހުޅުދުއްފާރު
* މާކުރަތު
* އިންނަމާދޫ
* ރަސްމާދޫ
* ކިނޮޅަސް
* ފައިނު

މި ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށިގެން ދިއުމާއެކު ރ. އަތޮޅު ހިމެނޭހެން ރާއްޖޭގެ މީހުން ދިރިއުޅޭ 15 އަތޮޅުގައި މި ޚިދުމަތް ވަނީ ފެށިފައެވެ. މީގެ އިތުރުން ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ޤައުމީ ބޭންކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގައި އުޅޭ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި، ބޭންކިން ޚިދުމަތް ހޯދުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުން ހުއްޓުމަކަށް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މިދިޔަ ނޮވެންބަރު މަހު ސޮއިކުރެވުނު މިމަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ބީއެމްއެލްއިން ވަނީ މިމަޝްރޫޢު އަންނަ އޮކްޓޯބަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ.