ކުޅިވަރު

ރާއްޖޭގެ ފުޓުބޯޅަ އައިސީޔޫގައި އޮތްއިރު ވެންޓިލޭޓަރަކީ މާޒިޔާ: ސުޒެއިން


ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ދަށްވެ އައިސީޔޫގައި އޮތްއިރު ވެންޓިލޭޓަރަކީ މާޒިޔާކަމަށް ބެލެވިދާނެކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގާއި ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަދައްކަމުން ސުޒެއިން އިތުރަށް ބުނެފަވަނީ ލީގުގައި ވާދަކުރަމުންދާ ޓީމުތަކަކަކީ މޮޅެތި ޓީމުތަކެއްކަމަށް ގަބޫލުކުރާކަމަށެވެ. މިގޮތުން ވަރުގަދަ ހަތްވަރަކަށް ޓީމު އެބައުޅޭކަމަށާއި މިއީ ޖެހިލުންވާވަރުގެ ޓީމުތަކެއްކަމަށް ސުޒެއިން ފާހަގަކުރިއެވެ.

ސުޒައިން ބުނީ މިމުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ވަކި ޓީމެއްވެގެން އިދިކޮޅުން ޖެހިލުންވެ ފަހަތަށް އަރާ ކުޅެންޖެހޭ ފެންވަރުގެ ޓީމެއް ނެތްކަމަށާއި މިއީ ވާދަވެރި މުބާރާތަކަށް ވެގެންދާނެކަމަށެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއްގޮތަކަށްވެސް ދެތިން ޓީމެއް އުޅޭފާނެ ކަންނޭނގެ އެނޫނީ މިލީގުގައި މިއޮތީ ވަރަށް ވަރުގަދަ ހަޓީމު ހަތް ޓީމުވަރު މިއޮތީ. އެހެންވީމަ ފަހަތަށްޖެހި ވަކި ނިއުރޭޑިއަންޓު ވެގެން ނޫނިއްޔާ މާޒިޔާވެގެން ފަހަތަށްޖެހި ޑިފެންސްކޮށްގެން ކުޅެން ދެން އެކި މެޗުގައި އެކި ވިސްނުން ހުންނާނީ. އެހެންނަމަވެސް އެގޮތަށް ކުޅެފާނެކަމަކަށް ގަބޫލެއް ނުކުރަން. އެއީ އެއަށްވުރެ ލީގު ތަންކޮޅެއް ވާދަވެރިކޮށް މިފެންނަނީ މިފަހަރު" ސުޒެއިން ބުންޏެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ބަލާއިރު އޮޑި ސްޕޯޓްސް ފެންނަނީ ތަފާތު ވަރުގަދަކޮށްކަމަށް ސުޒެއިން ފާހަގަކުރިއެވެ. އޭގެ އިތުރުން މާޒިޔާއަކީ ރާއްޖޭގެ ފުޓުބޯޅައިގެ ކުލަ ފަނޑުވެގެން ދިޔަ ދުވަސްތަކުގައިވެސް އާދަވެ ކުޅެމުން ގެންދިޔަ ކުލަބެއްކަމަށް ސުޒެއިން ބުންޏެވެ. ސުޒެއިން ބުނީ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ދަށްވެ އައިސީޔޫގައި އޮތްއިރު ވެންޓިލޭޓަރަކީ މާޒިޔާކަމަށް ބެލެވިދާނެކަމަށެވެ. ރާއްޖޭގެ ގައުމީ ޓީމުވެސް ހިފެހެއްޓުނީ މާޒިޔާގެ މަސައްކަތުންކަމަށް ސުޒެއިން ފާހަގަކުރިއެވެ. އަދި ބުރު ސްޕޯޓްސްގެ ޓީމަކީވެސް ވަރަށް ހިތްވަރުކުރާ ވަރުގަދަ ޓީމެއްކަމަށާއި އެހެންކަމުން މިފަހަރުގެ ލީގުން ފެނިގެންދާނީ މޮޅެތި ޓީމުތަކެއްކަމަށް ސުޒެއިން ބުންޏެވެ.

"ފެންނަ ފެނުމަށް ބަލާއިރު އޮޑި މިފެންނަނީ ތަފާތު ވަރުގަދަކޮށް، މާޒިޔާ ހަމަ އާދަވެ މިދިޔަ ތިން އަހަރު މެދުނުކެނޑި ރާއްޖޭގެ ފުޓުބޯޅަ އައިސީޔޫގައި އޮތް އިރު ވެންޓިލޭޓަރަކީ މާޒިޔާކަމަށް ބަލަމާ ހިނގާ. އެއީ ރާއްޖޭގެ ގައުމީ ޓީމުވެސް ހިފެހެއްޓުނީ ހަމަ މާޒިޔާގެ މަސައްކަތުންނޭ ހަމަ ދަންނަވަންޖެހެނީ. އޭރުގައި މާޒިޔާ އިން އޭތި މެދުކަނޑާނުލާ ގެންދިއުމުގެ ސަބަބުން ގައުމީ ޓީމު ކިރިޔާވެސް ހިފެހެއްޓުނީ އޭރު. އެހެންވީމަ އެގޮތަށް ބަލާއިރު ވަރަށް ވަރުގަދަކޮށް މިފަހަރު ޓީމުތައް މިއޮތީ" ސުޒެއިން ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވަރުގަދަ މެޗުތަކެއް ފެނިގެންދާނެކަމަށް ގަބޫލުކުރާކަމަށް ސުޒެއިން ބުންޏެވެ. އެހެންކަމުން މިމުބާރާތުގައި ނިއުރޭޑިއަންޓުންވެސް މަސައްކަތްކުރާނީ މޮޅެތި މެޗުތަކެއް ކުޅެ ދެން ތިބި ޓީމުތަކާއި ފައިހަމަކޮށްލުމަށްކަމަށް ސުޒެއިން ފާހަގަކުރިއެވެ. ސުޒެއިން ބުނީ މިމުބާރާތާއި އެކު ފުޓުބޯޅައަށް އިހު އޮތް ފޯރި އަލުން ގެނައުމަށް ހުރިހާ ޓީމުތަކަކުން މަސައްކަތްކުރަމުން އަންނަކަމަށެވެ. މިގޮތުން ލީގު ފޯރި އަލުން ގެނެވިއްޖެނަމަ ރާއްޖޭގެ ފުޓުބޯޅައަށް ދިރުން ލިބިގެންދާނެކަމަށް ގަބޫލުކުރާކަމަށް ސުޒެއިން ބުންޏެވެ.

ރާއްޖޭގެ ފުޓުބޯޅައަށް ކުރިމަތިވި ކަޅު ދުވަސްތަކަކަށްފަހު ލީގެއް ނުބޭއްވި ދިގު މުއްދަތެއް ފާއިތުވުމަށްފަހު ރާއްޖޭގެ އެންމެ މޮޅު 10 ޓީމު ވާދަކުރާ ދިރާގު ދިވެހި ޕްރިމިއަރ ލީގު މިމަހުގެ 18 ވަނަ ދުވަހުވަނީ ފަށާފައެވެ. މިމުބާރާތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، މިއީ ދިވެހި ފުޓުބޯޅަ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދޭނެ އީދަކަށް ވެގެންދާނެއެވެ.