ޗުއްޓީއަށްފަހު މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހުން ފަށަން ތާވަލުކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާއެއް ބުރާސްފަތި ދުވަހު ބާއްވަން ތާވަލުކުރި ނަމަވެސް އެ ޖަލްސާގެ އެޖެންޑާ އަދި ކަނޑައެއް ނާޅައެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި ޗުއްޓީއަށްދިޔައީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މަޖިލިސް ޗުއްޓީއަށް ދިޔަނަމަވެސް ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ފާސްކުރީ ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ފަހު ދައުރުގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތްތަކެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހުގެ ޖުމްލަ 27 ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެއީ 46 ގަޑިއިރުގެ މަސައްކަތް ކަމަށް މަޖިލީހުން ވިދާޅުވެއެވެ.
މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ޖަލްސާތަކުގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތްތައްވެސް ކުރިއަށްދެއެވެ. އެގޮތުން، ދެވަނަ ދައުރުގެ ތެރޭގައި ޖުމްލަ 127 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާއިރު މި ބައްދަލުވުންތަކުގައި 91 ގަޑިއިރާއި 29 މިނެޓް ހޭދަވި ކަމަށް މަޖިލީހުގެ ހިސާބުތަކުން ދައްކައެވެ.
ދެވަނަ ދައުރުގައި ވަނީ މިހާތަނަށް މަޖިލީހުގައި ނުނިމިހުރި ބައެއް މަސައްކަތްތައްވެސް ކުރިއަށްގެންގޮސްފައެވެ. އެގޮތުން، ދެވަނަ ދައުރު ނިމުނުއިރު 24 ބިލެއްގެ މަސައްކަތް މަޖިލީހުން ކުރިއަށްގެންގޮސްފައިވާއިރު އޭގެތެރެއިން 7 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.