މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ކިނޮޅަހުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ، މިކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި އެރަށު ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިނޮޅަހުގައި އޭޓީއެމްގެ ޚިދުމަތް ފެއްޓެވުމުގެ ގޮތުން ވަޒީރު އާދަމް ޝަރީފްވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ. މިކާޑައި ރަށު ކައުންސިލުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ކައުންސިލްގެ ރައީސްއެވެ.
ކިނޮޅަހުގައިވެސް ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސަރވިސް އޭޓީއެމެކެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިބުރުގައި 9 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށްވަނީ ހަމަޖހިފައެވެ. މިއާއެކު އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓިގެންދާނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް 15 އަތޮޅެއްގައި މިޚިދުމަތް ވަނީ ފަށާފައެވެ.