މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.
ރަސްގެތީމުގައި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްގެތީމުގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ. މިކާޑައި ރަށު ކައުންސިލުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެރަށު ކައުންސިލުންނެވެ.
ރަސްގެތީމުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާރވިސް އޭޓީއެމްއެކެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި 9 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާފައެވެ. މިއާއެކު އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓިގެންދާނެއެވެ. އަދި އަލިފުށީގައި ބީއެމްއެލް ބްރާންޗެއްގެ ޢަމަލީ މަސައްކަތް ފަށާނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް 15 އަތޮޅެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.