ޚަބަރު

އަލިފުށީގައި ބީއެމްއެލްގެ ގޮތްޕެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި


  • އައު ބްރާންޗްގެ ބިންގާ އަޅައިދެއްވީ ސިޓީތަކާ ބެހޭ ވަޒީރު

  • ރ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރާނެ

މާޅޮސްމަޑުލު އުތުރުބުރީ، އަލިފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ޤާއިމްކުރުމުގެ ބިންގާ އަޅައިފިއެވެ.

ބީއެމްއެލް އަލިފުށީ ބްރާންޗުގެ ބިންގާ އަޅުއްވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އަލިފުށީ ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އައު ބްރާންޗު ޤާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިދާރީ ދާއިރާތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މިއީ އަލިފުއްޓަށް ކުރިއެރުން ލިބިގެންދާނެ މަސައްކަތެއް ކަމަށެވެ. ވަޒީރު ވަނީ މީގެ ކުރިންވެސް ބޭންކު ހުރިނަމަވެސް ރައްޔިތުންނާއި މިހާ ގާތުން މަސައްކަތް ފެށިފައިވަނީ ދާދިފަހުންކަން ފާހަގަކުރައްވައި، މިހާރު ބީއެމްއެލުން ފެނިގެން ދަނީ ހަޤީޤީ މާނައިގައި ރައްޔިތުންނާއި ގާތުން ޚިދުމަތް ދެމުންދާތަން ކަމަށް ވިދާޅުވެފައެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރަށްރަށުގައި އޭޓީއެމްތައް ޤާއިމް ކުރުމާއެކު ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމަށް ބްރާންޗުތައްވެސް ޤާއިމްކުރުން މުހިންމު ކަމަށެވެ. އަދި ބީއެމްއެލްގެ ޚިދުމަތްތައް ޑިޖިޓަލައިޒް ވެގެންދާއިރު މިހާރުވެސް ރަށްރަށުގައި މި ޚިދުމަތްތައް މުހިންމު ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށުގައި ބީއެމްއެލް ޚިދުމަތް ފުޅާ ކުރުމުގެ ތެރެއިން އޭޓީއެމްވެސް ބަހައްޓާނެއެވެ. މި ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި އެ އަތޮޅުގެ 9 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާނެއެވެ. މިއާއެކު އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އޭޓީއެމްގެ ޚިދުމަތް ލިބޭނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ދަނީ ބިޔަ މަޝްރޫޢެއް ހިންގަމުންނެވެ.