ޚަބަރު

ފެނަކައިގެ ޚިޔާނާތް ހަމައެކަނި ކުންފުނީގެ ވެރިންގެ ބޮލަށް ނުޖެހޭނެ، މިއީ މުޅި އެމްޑީޕީގެ ހިއްސާއޮތްކަމެއް: ޝުޖާއު


  • މިމައްސަލަ އޭރުގެ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުގެ ސަމާލުކަމަށްވަނީ ގެނެސްފައި

  • މަޖިލީހުގެ ސަމާލުކަމަށް ގެނައުމުން އޭރު އޭސީސީގެ ހުރިހާ މެމްބަރުން މަޤާމުން ދުރުކުރީ އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުން

ފެނަކައިގެ ޚިޔާނާތުގެ މައްސަލައަކީ، ހަމައެކަނި ފެނަކައިގެ ވެރިންގެ ބޮލުގައި ޒިންމާ އަޅުވާލުމަށްފަހު ސަލާމަތްވެވޭ
ވަރަށްވުރެ ބޮޑު ޚިޔާނާތުގެ މައްސަލައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ވިދާޅުވީ، މިމައްސަލައަކީ މުޅި އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ޝާމިލުވާހެން ރާވައިގެން ހިންގާފައިވާ ޚިޔާނާތެއްކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލައާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ފެނަކައަކީ އެމްޑީޕީއިން ނިމިދިޔަ ދައުރުގައި ވައްކަންކުރުމަށާއި ޚިޔާނާތަށް މަގުފަހިކުރުމަށް ބޭނުންކުރި ކުންފުންޏެއްކަމަށެވެ. 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެންދިޔަ ޚިޔާނާތުގެ މިމައްސަލައިގައި ހަމައެކަނި ފެނަކައިގެ އޭރުގެ ވެރިންގެ ބޮލުގައި ތުހުމަތު އަޅުވާފައި ސަލާމަތްވެވޭވަރަށްވުރެ މިމައްސަލަ ބޮޑުކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެގޮތުން އޭރު އިދިކޮޅުގައި ތިބެއްވި ޕީޕީއެމް ޕީއެންސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި މިވާހަކަތައް ދެއްކިކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް މިކަން ގެނެވިފައިވާކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި އޭރު އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީއޮތް ކޮމިޝަނުން މިމައްސަލަ އޭރު މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހުށައެޅިކަމަށް ވިދާޅުވެ ޝުޖާއު ވިދާޅުވީ، އެއާއެކު ގެއްލިގެންދިޔައީ އެ މެމްބަރުންގެ މަޤާމުކަމަށެވެ.

"މީގެ ނަތީޖާއަކީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަޤާމުން ދުރުކުރި އެނގޭތޯ، އެމްޑީޕީގެ ސުޕަރމެޖޯރިޓީ ޕާލެމަންޓަކުން މިވާހަކަދެއްކީތީ. އެހެންވީމަ އަޅުގަނޑު ޤަބޫލެއް ނުކުރަން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިލެކްޝަންސްގެ ރައީސް، އެކަމަނާއަށް ފެނިވަޑައިގަތް ކަންކަން ފާހަގަކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރަށް ފެނަކައިގެ ތެރޭގައި ގަވާއިދާ ޚިލާފަށް ކަންތައްތަކެއް އެބަ ހިނގައޭ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އެކަން ސަމާލުކަމަށް ގެނައިމަ ޝިއުނާ އަދި މުޅި ޓީމު އެއްކޮށް ބޭރުކުރި އެނގޭތޯ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުވަނީ މިކަންކަން ހިންގަމުންދާކަން ކަނޑައެޅިގެން އެނގިތިބެ އޭރުގެ ސަރުކާރުގެ އިސްވެރިން މިކަމަށް ފިޔަވަޅު ނާޅާ ތިބި ތިބުމާއި އަދި މިއީ ނުހިނގާކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ހަމައަށް ކޮރަޕްޝަނަށް މަގުފަހިވާކަމެއްގެ ކަންބޮޑުވުން ނުވަތަ ތުހުމަތެއް ކުރުމާއެކު އެކަން ބައްލަވާ ފިޔަވަޅު އަޅުއްވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރުން ދެން އަންނަ ދައުރަކަށް ކޮރަޕްޝަން ބެލުމަށް މަޑުނުކުރާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ފެނަކައިގެ ޚިޔާނާތުގެ މައްސަލައިގައި 2 ބިލިއަނަށްވުރެ ގިނަ ފައިސާވަނީ ގެއްލިފައެވެ. ބިޑުކުރުމަކާއި ނުލާ އެތައް މަޝްރޫޢެއް މަސްލަޙަތު އޮތް ކުންފުނިތަކަށް ދީފައިވާކަން ހާމަވެފައިވާއިރު، ވުޖޫދުގައި ނެތް ކުންފުނިތަކަށައި މާކެޓްގެ އަގުތަކާއި ނުބައްދަލު ބޮޑެތި ޢަދަދުތަކުން އެކި ފަރާތްތަކަށް ޗާޖުކުން ފަދަ އެތައް މައްސަލައެއްވަނީ ހާމަވެފައެވެ.