ޖަރުމަން ލީގުގައި ރޭ ވާޑާ ބްރޭމަންއާ ދެކޮޅަށް ކުޅުނު މެޗުގައި ހެރީ ކޭން ދެ ލަނޑު ޖަހައި ހެދި ރިކޯޑާއެކު 4-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.
މި މެޗުގައި ހެރީ ކޭން ދެ ލަނޑު ޖެހުމާއިއެކު އޭނާ ވެފައިވަނީ މި ގަރުނުގެ ތެރޭގައި ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ލީގެއްގައި އެންމެ އަވަހަށް ކްލަބަކަށް 100 ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ވެފަ އެވެ. އޭނާ ބަޔާން މިއުނިކަށް 100 ލަނޑު ޖަހައިދީފައިވަނީ 104 މެޗުގަ އެވެ.
މީގެ ކުރިން މި ރެކޯޑް އޮންނަނީ 2011 ވަނަ އަހަރު 105 މެޗުން 100 ލަނޑު ރެއާލް މެޑްރިޑަށް ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯ ގެ އިތުރުން މިދިޔަ އަހަރު 105 މެޗުން 100 ލަނޑު މެންޗެސްޓަރ ސިޓީ އަށް ކާމިޔާބުކޮށްދިން އާލިން ހާލަންޑްގެ އަތުގަ އެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ބަޔާން މިއުނިކް އިން ވަނީ ބްރޭމަންގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މި މެޗުގެ 22 ވަނަ މިނިޓުގައި ބަޔާން މިއުނިކަށް ކުރި ހޯދަދީފައިވަނީ މައިކަލް އޮލިސޭގެ އެސިސްޓަކުން ޖޮނަތަން ޓާ އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ބަޔާން މިއުނިކަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ކޭން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 65 ވަނަ މިނިޓުގައި ލުއިސް ޑިއާޒްގެ އެސިސްޓަކުން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ކޮންރަޑް ލައިމާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ބަޔާން މިއުނިކް ވަނީ ބުންޑެސްލީގާގައި މި ސީޒަނުގައި ކުޅުނު ފަސް މެޗުން މޮޅުވެ ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދާފަ އެވެ. ދެވަނައިގައި އޮތް ބޮރޫޝިޔާ ޑޯޓްމަންޑް އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.
ހެރީ ކޭން ވަނީ މިދިޔަ ހަފްތާގައި ހޮފެންހޭމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑާއެކު ބުންޑެސްލީގާގައި 67 މެޗުން 70 ލަނޑު ޖަހާފަ އެވެ. މިއީ ބުންޑެސްލީގާގެ ތާރީޚުގައިވެސް މިހާ މަދު މެޗަކުން 70 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.