ޚަބަރު

ސަތޭކަ އަހަރާ ނުބައްދަލު ބޮޑު ޚިޔާނާތެއް: ޖުމްލަ 2.2 ބިލިޔަން ރުފިޔާ


  • އެމްއެމްޕީއާރުސީއާއި އެފްޕީއައިޑީގެ ހިޔާނާތަށްވުރެ ބޮޑު

  • ޖުމްލަ 2000 މިލިޔަން ރުފިޔާ

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާ ނުވަތަ 2000 މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވެއްޖެއެވެ.

ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ކުންފުންޏަކުން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގެ މައުލޫމާތު ހާމަކޮށްފައި ވަނީ ދައުލަތުގެ މިނިވަން މުއައްސަސާއެއް ކަމަށްވާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ތަހުގީގުކުރުމަށްފަހު ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓެއްގައެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހާއްސަ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ވައްކަމަކީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. އެގޮތުން ރައީސް ސާލިހުގެ ސަރުކާރުގައި ފެނަކައިގެ 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާކަން ހާމަވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ..

އޮޑިޓުން ފާހަގަވި މައްސަލަތައް

  • އެމްޑީޕީ ސަރުކާރުގައި ފެނަކައިން އެކި މަޝްރޫއުތައް ހިންގުމަށް 674 އެއްބަސްވުން އެކުލަވާލާފައިވާއިރު ގިނައީ ބިޑަކަށް ނުލާ ހަވާލުކޮށްފައިވާ މަޝްރޫޢުތައް
  • ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ޚިޔާނާތް
  • ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ހިޔާނާތް
  • ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ހިޔާނާތް
  • ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ހިޔާނާތް

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އޮޑިޓަރ ޖެނެރަލް ރިޕޯޓްގައިވާ މައުލޫމާތުތަކަށް ބަލާއިރު، ފެނަކައިގެ ތެރެއިން ނިމިދިޔަ ސަރުކާރުގައި ހިންގާފައިވާ 2.2 ބިލިޔަން ރުފިޔާގެ ޚިޔާނާތަކީ 1990 ގައި ފަޅާއެރި އެފްޕީއައިޑީއާއި 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ހިޔާނާތަށްވުރެ ބޮޑު ހިޔާނާތެއްކަމަށެވެ. އަދި ފެނަކައިގެ ހިޔާނާތް 2.2 ބިލިޔަނަށް އެރުމުން ޔަގީން ވަނީ، އެމްޑީޕީ ވެރިކަމުގައި 2018 އިން 2023 އަށް ހިންގި ވައްކަމާ ޚިޔާނާތް، މި ވޭތުވި 100 އަހަރު ފަޅާއެރި އެހެން ޚިޔާނާތްތަކާ ނުބައްދަލު ވަރަށް ބޮޑުވާނެކަންކަމަށްވެސް ސަރުކާރުގެ އޮފިޝަލު ވިދާޅުވިއެވެ.

ފެނަކައިގެ ބޮޑު ވައްކަމާއި ގުޅޭ އޮޑިޓް ރިޕޯޓެއް ނެރެފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަންފަދަ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މީގެތެރެއިން ބައެއް މައްސަލަތައް ތަހުގީގުކޮށް، ފެނަކައިގެ ކުރީގެ ބަައެއް ވެރިންނަށް ދައުވާ ކުރުމަށް ވަނީ ކޯޓަށްވެސް ފޮނުވާފައެވެ. އަދި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިސް ބޭފުޅެއްކަމަށްވާ، ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދުވެސް ހިމެނެއެވެ.