ކުޅިވަރު

އިފްރާޙުގެ ކުރު ކެރިއަރުން ފެނުނީ ކެރުމާއި ހުނަރުވެރިކަމާއި ހުށިޔާރުކަން


2007 ވަނަ އަހަރުގެ ރާއްޖޭގެ ގައުމީ ޓީމު އޭޝިއާ ކަޕަށް ތައްޔާރުވަމުންދިޔައިރު އޭރުގެ ގައުމީ ކޯޗު ސްލޮވާކިޔާގެ ޖޯސެފް ޔަންކޭ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލަފާ ދިނެވެ. ޒުވާން ކުޅުންތެރިންނަށް އިސްކަންދީގެން ކުރިމަގަށް ގައުމީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ފެށުމަށެވެ. މި ގޮތުން އޭނާ އެކުލަވާލި ލިސްޓުގެ އެއް ކީޕަރަކީ ގޯލްކީޕަރު އިބްރާހީމް އިފްރާޙް ޢަރީފެވެ. މިއާއެކު ސީނިއަރ ގައުމީ ޓީމުގެ ސްކޮޑުގައި އޭނާ އިފްރާޙް ގެންގުޅެން ފެށިއެވެ.

2008 ވަނަ އަހަރު އިންޑިއާ ބަލިކޮށް ރާއްޖެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައިވެސް ޔަންކޭ އިފްރާޙް ހިމެނި އެވެ. މުބާރާތަށް ގެންދިޔަ ފައިނަލް ޓީމުގައި އެ ފަހަރު އޭނާ ނުހިމެނީ އުމުރު ހަގުވުމުންނެވެ. ނަމަވެސް މުބާރާތް ކާމިޔާބުކޮށް ރާއްޖެއަށް ލިބުނު މެޑަލް ކޯޗު އިފްރާޙަށްވެސް ހޯދައިދިނެވެ.

ރާއްޖޭގެ ގިނަ ކޯޗުން ގަބޫލުކުރި ގޮތުގައި އިފްރާޙަކީ އޭރުގެ ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ސްޓައިލިޝް އެއް ގޯލްކީޕަރެވެ. ރަނގަޅު ފޯމުގައި ހުރެފިނަމަ އޭނާ އަކީ މެޗެއް ކާމިޔާބުކުރެވޭ ފެންވަރަށް ކުޅެފައި ނޫނީ ދޫނުކުރާ ކީޕަރެކެވެ. މި ގޮތުން އޭނާގެ މޮޅު ކުޅުން އެންމެ ރަނގަޅަށް ފެނިގެންދިޔައީ އިފްރާޙުގެ ފެށުން އައި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުލަބު ވެލެންސިއާއިންނެވެ. އެ ކުލަބަށް ދެ ފަހަރެއްގެ މަތީން އޭނާ ވަނީ ކުޅެދީފައެވެ. އޭގެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ބީޖީ ސްޕޯޓްސް ކުލަބުގައިވެސް އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ކެޕްޓަންކަމާއި އޭޝިއަން ކަޕް ކޮލިފައިން އާއި އޮލިމްޕިކް ކޮލިފައިންގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަންވެސް އިފްރާޙް ކުރިއެވެ. މީގެ އިތުރުން 2011 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދިޔަ ސީނިއަރ ގައުމީ ޓީމުގެ ރިޒާވް ކީޕަރެއްގެ ރޯލުވެސް އޭނާ އަދާކުރިއެވެ. ޚާއްސަކޮށް މާލޭގައި ކުޅުނު ކޮލިފައިން މެޗުގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ވަރަށް ކުރު ކެރިއަރެއް ހޭދަކުރި ނަމަވެސް އިފްރާޙަކީ އޭނާ ކުޅުނު ގިނަ ޓީމުތަކަށް ކާމިޔާބު ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާކުރި ކީޕަރެކެވެ. ކުޅުން ހުއްޓާލުމަށްފަހު އޭނާ މި ފަހުން އުޅުނީ ސްޕޯޓްސް ފިޝިންގައެވެ.

އަޅުގަނޑުމެންނާ އިފްރާޙް ވަކިވާން ޖެހުނީ ސްޓްރޯކެއް ޖެހިގެން ލިބުނު ގެއްލުންތަކަށް ފަރުވާ ހޯދުމުގެ ތެރޭގައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި ރޭ އޭނާ ނިޔާވީ ވަރަށް ޒުވާން އުމުރެއްގައެވެ. އުމުރުން 36 އަހަރުގައެވެ. އޭނާ ނެތަސް އޭނާގެ ކުޅުމުގެ ސްޓައިލާ މަތަކުރި ބޯލަތަކާއި ދެއްކި ހިތްވަރުގެ މަތިން ގިނަ ބަޔަކު ހަނދާން ހުންނާނެއެވެ. މާތް ﷲ އިފްރާޙުގެ ފުރާނައަށް ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ދުއާކުރަމެވެ.